ޝުޖާއު މާލިއްޔަތު ކޮމެޓީން ވަކިކޮށް ތަރިކަ ކޮމެޓީއަށް ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަކިކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެކުލަވާލި ރިޕޯޓެއް ލީކުވެ، މެންބަރު ޝުޖާއުއާ ދެކޮޅަށް ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި ގޮތުގައި، މާލިއްޔަތު ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ. އަދި ޝުޖާއު ބަދަލުކުރެވިފައިވަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީގެ ބަދަލުގައެވެ.
ލީކުވެފައިވާ އެފްއައިޔޫގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، 2023 ނޮވެމްބަރު 1 އިން 2024 ޖެނުއަރީ 10 އާ ދެމެދު މެންބަރު ޝުޖާއުއާއި އޭނާގެ ބޮޑުބޭބެގެ ދަރިފުޅު އަދި ޑެޕިއުޓީ މިނިސްޓަރު ނާފިޒަށް، ސިޓީ ކައުންސިލާއި ސިވެކް އާއި އެހެނިހެން ފަރާތްތަކުން 42.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. މި މައްސަލައިގެ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފައެވެ.
މި ތުހުމަތުތަކާ ގުޅޭގޮތުން ރައްދު ދެއްވަމުން މެންބަރު ޝުޖާއު ވިދާޅުވެފައިވަނީ، "ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ އަސްލެއް ނުވަތަ ފޭކެއް ކަމެއް އަޅުގަނޑަކަށް ނޭނގެ. އެއީ ޞައްޙަ ލިޔުމެއް ނަމަ، އެއީ މަސައްކަތްތައް ކާމިޔާބު ކުރިގޮތާއި މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް"ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޝުޖާއު މާލިއްޔަތު ކޮމިޓީން ބަދަލުކޮށްފައިވަނީ މިއަދު އެމްއެމްއޭގެ ބޭފުޅުން އެ ކޮމިޓީއަށް ހާޒިރުކުރަން ތާވަލުކޮށްފައި އޮތް ދުވަހުއެވެ. މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



