ޚަބަރު

ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓާލި ކަމަށް ބުނެ ފަތުރަނީ ހަޤީޤަތާ ޚިލާފު ވާހަކައެއް: އެފްޑީސީ

އޮގަސްޓް 3, 2025 - 15:51
 0
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓާލި ކަމަށް ބުނެ ފަތުރަނީ ހަޤީޤަތާ ޚިލާފު ވާހަކައެއް: އެފްޑީސީ
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް -- ފޮޓޯ: އެފްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ހައުސިންގ ޔުނިޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީން މިއަދު ނެރުނު  ނޫސްބަޔާނެއްގައި ބުނި ގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކޮށްފައިވާ 4،000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައެވެ. އަދި މި މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދުގައެވެ.

ނަމަވެސް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލާފައިވާކަމަށާއި، މި އެއްބަސްވުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އެކަން އެފްޑީސީން ދަނީ އަންގަމުންނެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް އެފްޑީސީން ޖުމްލަ 232 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހައުސިން މިނިސްޓްރީން މިހާތަނަށް 2،665 މީހެއްގެ މައުލޫމާތު އެފްޑީސީއަށް ފޮނުވާފައިވާއިރު، އެފްޑީސީން ކުރިން ހާމަކުރި ގޮތުގައި ބައެއް ފަރާތްތަކުގެ މައުލޫމާތު ފުރިހަމަ ނުވުންފަދަ ކަންކަމާ ހެދި އަދިވެސް ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ލަސްތަކެއް އުޅެއެވެ.

މި މައްސަލަ ބޮޑުވެފައިވާތީ، ފްލެޓަށް ޝަރުތު ހަމަވެފައިވާ ފަރާތްތައް ހޭލުންތެރި ކުރުމުގެ އިތުރު މަސައްކަތްތަކެއް ފެށުމަށް އެފްޑީސީން ވަނީ ނިންމާފައެވެ. އިސްކަންދޭ ތަރުތީބުން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހު ގެޒެޓްކޮށްފައެވެ.

މި މަސައްކަތްތަ ކުރިއަށްދާއިރު، ރައްޔިތުންގެ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި އެފްޑީސީން ވަނީ އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް އެފްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0