ހައި ކޯޓަށް ޝަހީދާއި ޖަމީލު އައްޔަންކުރަން ނިންމައިފި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދާއި ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.
ހައި ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައިވަނީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމާ ގުޅިގެންނެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 17 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ. އެ ބޭފުޅުންނާ އިންޓަވިއުކޮށް، އިއްޔެ ވަނީ ދެ ބޭފުޅުން އައްޔަންކުރުމަށް ނިންމާފައެވެ.
އައްޔަންކުރުމަށް ހޮވުނު ދެ ބޭފުޅުންގެ ތެރެއިން އަބްދުﷲ ޖަމީލު މޫސާ އަކީ ފަނޑިޔާރުކަމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2003 އިން 2009 އަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، 2009 އިން 2019 އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އަދި ފަނޑިޔާރުކަމުން ވަކިވެވަޑައިގަތް ފަހުން މިދިޔަ ހަ އަހަރު އޭނާ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.
މުހައްމަދު ޝަހީދަކީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ ވަނީ 2018 އިން 2023 އަށް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. މީގެއިތުރުން، އަދި މީގެ އިތުރުން ޝަހީދު ވަނީ ޕީޕީއެމް އަދި ޕީއެންސީގެ މައްސަލަތަކުގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވައި، އެ ޕާޓީތަކުގެ ލީގަލް ޓީމުގައިވެސް މަސައްކަތް ކުރައްވާފައެވެ.
މި ދެ ބޭފުޅުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމުމާއެކު، ކުރިއަށް ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމުގެ މަރުހަލާއެވެ.
ރިއެކްޓް



