ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ 25 ބިދޭސީން މިއަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ބިދޭސީން ހައްޔަރުކުރެވުނީ އިމިގްރޭޝަނުން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަން އަމާޒުކުރެވިފައިވަނީ މާލޭގެ ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކަމަޑޭޝަން ބްލޮކަކަށެވެ. މިއީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގާފައިވާ ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އެ އިދާރާއިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.
އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހަރުދަނާކަމާއެކު ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ރިއެކްޓް



