ޚަބަރު

ސްރީލަންކާގެ ރައީސް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި

ޖުލައި 31, 2025 - 08:15
 0
ސްރީލަންކާގެ ރައީސް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި
ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ވަޑައިގަތުމުން ދިވެހި ސަރުކާރުން އެ މަނިކުފާނަށް ރަސްމީ މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތެއް ބޭއްވިއެވެ. އަދި ދެ ޤައުމުގެ އިސްވެރިން ބައްދަލުކުރައްވައި، ދެ ޤައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމް އައުކުރައްވަމުން ދެ ޤައުމުގެ ވެރިން ގުޅިފައިވާ ބަޔާނެއް ނެރުއްވިއެވެ. މީގެއިތުރުން، ސްރީލަންކާގެ ރައީސްގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ޖާފަތެއް ދެއްވުމާއެކު، ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރެއްވިއެވެ.

މިއީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރ މަހު އެ ޤައުމުގެ ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ޚާއްޞަކޮށް މި އަހަރަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު 1965 ވަނަ އަހަރު ޤާއިމުކުރެވުނު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް މި ދަތުރުފުޅުން މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0