ސައުދީއަށް ނިއުކްލިއާ އެއްބަސްވުމާގެން ކުރިއަށްދެވޭނީ އިޒްރޭލާ ގުޅުން ގާއިމުކޮށްގެން: ޓްރަމްޕް
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑު މި ބުނަނީ އެކަން ކުރުމަށްޓަކައި އެ މީހުން އަބްރަހާމް އެކޯޑްސްގެ ބައިވެރިއަކަށް ވާންޖެހޭނޭ. އެ މީހުން އެކަން ކުރަން މިހާރު މި އޮތީ ވަގުތު ޖެހިފައި،" ކަމަށެވެ. މިދިޔަ ހަފުތާގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީން މި އެއްބަސްވުން އިއުލާނުކުރިއިރު އިޒްރޭލުގެ ވާހަކަ ފާހަގަކޮށްފައި ނުވި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މިއީ ދެ ފަރާތަށް ވެސް އެނގި ސާފުވެފައިވާ ޝަރުތެއް ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ސައުދީން އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް ސައުދީ އަރަބިއްޔާއިން އަބަދުވެސް ބުނަމުންދަނީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ސާފު މަގެއް ކަނޑައެޅެންދެން އިޒްރޭލާ އެކު އެއްވެސް ރަސްމީ ގުޅުމެއް ގާއިމުނުކުރާނެ ކަމަށެވެ. މިއީ ސައުދީގެ ހާރިޖީ ސިޔާސަތުގައި ވަރަށް ބޮޑަށް ހިފަހައްޓަމުންދާ އުސޫލެކެވެ.
މިދިޔަ ބުދަ ދުވަހު ސޮއިކުރި މި އެއްބަސްވުމަކީ ސައުދީގައި މަދަނީ ނިއުކްލިއަ ޕްރޮގްރާމެއް ގާއިމުކުރުމަށް ވެވުނު، 30 އަހަރުގެ މުއްދަތަކަށް ދެމިގެންދާނެ އެއްބަސްވުމެކެވެ. ޓްރަމްޕްގެ ސަރުކާރުން މި މަޝްރޫއު ސިފަކޮށްފައިވަނީ އެތައް ބިލިއަން ޑޮލަރެއްގެ ބައިވެރިވުމެއް ހިމެނޭ ތާރީހީ އެއްބަސްވުމެއްގެ ގޮތުގަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކުރެވޭ ހުރިހާ ކަމެއް އޮންނާނީ އެމެރިކާގެ ސީދާ ބެލުމުގެ ދަށުގަ އެވެ. އަދި މީގެ ސަބަބުން ނިއުކްލިއަ ހަތިޔާރު ފެތުރުމަށް އެއްވެސް ފުރުސަތެއް ނުލިބޭނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.






ރިއެކްޓް