އައްޑޫ ކައުންސިލުގެ ނިންމުމަށް ބޯލަނބައި ތަރައްގީއަށް ހުރަސް އެޅުން ހުއްޓާލާ: އެމްޑީޕީ
އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަވާހިލި، ކައުންސިލާ މަޝްވަރާކުރުމެއް ނެތި ސަރުކާރަށް ނެގުމަކީ އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގި "ހަޑިހުތުރު" އަމަލެއް ކަމަށާއި ކައުންސިލުގެ ނިންމުމަށް ބޯލަނބައި އެކަން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން މިއަދު ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީން މިގޮތަށް ގޮވާލީ އައްޑޫ ފޭދޫ އާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހިލި، އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ކައުންސިލުން ބީލަމަށް ހުޅުވާލާފައިވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށް އައްޑޫގެ އިހުތިސާސުން ވަކިކުރެއްވުމާ ގުޅިގެންނެވެ. މި ބަދަލާއެކު އެ ރަށް މިހާރު ކަނޑައަޅާފައިވަނީ ރިސޯޓެއްގެ ގޮތުގައި ކަމަށްވާއިރު، ދެން އެ ރަށް އޮންނާނީ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުގައެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ތެރެއަށް ސަރުކާރުން އަތްބާނަމުންދާ ކަމަށެވެ. ރަށްތަކާއި ސިޓީތަކުގެ އިހުތިސާސް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިދީފައިވަނީ ގާނޫނީ އިންތަކުގެ ތެރެއިން، ރައްޔިތުންގެ މަޝްވަރާއާއެކު ބޭނުންކުރުމަށް ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.
"އައްޑޫ ކައުންސިލާއި ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި އެ ސިޓީގެ އިހުތިސާސްގައިވާ ސަވާހިލި ކައުންސިލްގެ އިހުތިސާސް އިން ވަކި ކުރުމަކީ ރައީސް ޑރ. މުއިއްޒު ލާމަރުކަޒީ ގާނޫނުގެ މަގުސަދާ ސީދާ ހިލާފަށް ހިންގާފައިވާ އަމަލެއް،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނި ގޮތުގައި މި ސަރުކާރަށް ތިން އަހަރުވެގެންދާއިރު އައްޑޫއަށް އެދެވޭ ތަރައްގީއެއް ގެނެސްދެވިފައެއް ނުވެއެވެ. ނަމަވެސް، އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ ފަސް އަހަރުގެ ތަރައްގީގެ ޕްލޭނަށް ސަރުކާރުން އިހުތިރާމް ކުރަންޖެހޭނެ ކަމަށް އެ ޕާޓީން ބުންޏެވެ. ކައުންސިލްތަކަކީ އަމިއްލަ ގާނޫނީ ޝަހުސެއްކަން ފާހަގަކޮށް، ރައްޔިތުންގެ ނިންމުންތަކަށް ބޯލެނބުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ބާރުއަޅާފައެވެ.
ބަޔާން ނިންމާލަމުން އެމްޑީޕީން ގޮވާލާފައިވަނީ، ލާމަރުކަޒީ ގާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމުގައި ސަރުކާރުން ހުރަހަކަށް ނުވުމަށެވެ.






ރިއެކްޓް