ބަރުދަން ލުއިކުރަން ސާބިތުނުހިފޭ ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށް ސައްޙަނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑިއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން މިކަމަށް އިލްތިމާސްކުރީ ބަލިބައްޔަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭކަމަށް ދޭހަވާގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރުން އިތުރުފައިވާތީ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ، އެއާ ގުޅޭ މަޢުލޫމާތުތައް އެކި މަންސަތަކުގައި ދައުރުކުރަމުންދާ ކަމަށެވެ. ނަމަވެސް ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މަޢުލޫމާތު ހިމެނޭގޮތަށް ކާބޯތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ ފަރާތަށް މަޢުލޫމާތު އޮޅި ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
"ވަކިން ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑުމީހުން އަދި ގާތުންކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރަން،" އެމްއެފްޑީއޭއިން ވިދާޅުވިއެވެ.
ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މަޢުލޫމާތު އެކި މަންސަތަކުގައި ޝާއިޢުކޮށް ދައުރުކުރުމަކީ އެމްއެފްޑީއޭގެ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދުގެ ދަށުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެއެވެ. އެގޮތުން، ޞިއްޙަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެއްކަން އެ އޮތޯރިޓީން ހަނދާންކޮށްދެއެވެ.
މީގެ އިތުރުން، ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ޚާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ޙަޤީޤަތާ ޚިލާފަށް ނުވަތަ ޙަޤީޤަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރު ކުރުމަކީވެސް ގަވާއިދުން މަނާކަމެކެވެ. އެހެންކަމުން، ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ބޯލެނބުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.
ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމުގެ އިތުރުން އާދަވެ ކަސްރަތުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
0
ލޯބި
0
މަޖާ
0





