ސީއެމްޑީއޭގެ ސީއީއޯއަކަށް މުހައްމަދު އަހްމަދު އައްޔަނުކޮށްފި
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު އަހްމަދު އައްޔަންކޮށްފިއެވެ.
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ މުހައްމަދު އަހުމަދު މި މަގާމަށް އައްޔަންކޮށްފައެވެ.
މުޙައްމަދު އަޙްމަދަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާގެ ދިގު ޚިދުމަތުގެ ދައުރުގައި ދައުލަތުގެ އަދި ޕްރައިވެޓް ސެކްޓާގެ އިސް މަގާމުތަކެއް ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީއާއި، ބޭންކް އޮފް މޯލްޑިވްސް، އަދި ސޮލަރެލް އިންޝުއަރެންސް ފަދަ ތަންތަން ހިމެނެއެވެ.
މުޙައްމަދު އަޙްމަދު ވަނީ އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވަރސިޓީ ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައެވެ. އަދި އޭނާ ވަނީ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.
ސީއެމްޑީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުޙައްމަދު ޙުސައިން މަނިކު މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ވަނީ ރިޓަޔަރ ކުރައްވާފައެވެ.
2006 ވަނަ އަހަރު އުފެއްދި ސީއެމްޑީއޭއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކޮށް، ތަރައްގީކުރުމުގެ ޒިންމާ އުފުލާ މިނިވަން މުއައްސަސާއެކެވެ. އެ އޮތޯރިޓީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސެކިއުރިޓީޒް ބާޒާރާ ގުޅުންހުރި ކުންފުނިތަކަށް ލައިސަންސް ދިނުމާއި، އިންވެސްޓަރުންގެ ހައްގުތައް ރައްކާތެރިކުރުން ހިމެނެއެވެ.






ރިއެކްޓް