އޭޝިއާގެ އެއާލައިންތަކުން ޓިކެޓުގެ އަގު ބޮޑުކުރަނީ
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުތަކުގެ ސަބަބުން، ޖެޓް ފިއުލްގެ އަގު އުފުލި އޭޝިއާ ސަރަހައްދުގެ އެއާލައިންތަކުން ޓިކެޓްގެ އަގު ބޮޑުކޮށް، ފިއުލް ސާޗާޖު އިތުރުކުރަން ފަށައިފިއެވެ.
އެއާލައިންތަކުން ބުނާ ގޮތުގައި މި ފިޔަވަޅަކީ އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އުފުލެމުންދާ އޮޕަރޭޓިން ހަރަދުތައް ފޫބެއްދުމަށް އަޅަން ޖެހުނު ކޮންމެހެން ބޭނުންތެރި ފިޔަވަޅެކެވެ.
އޭވިއޭޝަން އެނަލިޓިކްސް ފާމެއް ކަމަށްވާ ސީރިއަމްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފެބްރުއަރީ 28 އިން މާޗް 10 އާ ދެމެދު މެދުއިރުމަތީގެ ގައުމުތަކަށް ދަތުރު ކުރަން އޮތް 43،000 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން، އެއާލައިންތަކުގެ އޮޕަރޭޓިން ހަރަދުގެ ގާތްގަނޑަކަށް 40 ޕަސެންޓަކީ ތެލަށް ކުރާ ހަރަދު ކަމަށްވާތީ، ތެލުގެ އަގު ބޮޑުވުމުން ގިނަ ކެރިއަރުންނަށް ވަނީ އަގުތަކަށް ބަދަލު ގެންނަން މަޖުބޫރުވެފައެވެ.
އެއާ އޭޝިއާ އިން ބުނީ ބާޒާރުގެ ހާލަތު މޮނިޓާ ކުރަމުން ދަތުރުގެ އަގުތައް ބޮޑުކޮށް، ފިއުލް ސާޗާޖު ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ޑޮމެސްޓިކް އަދި ސަރަހައްދީ ރޫޓުތަކުން 399 ރުޕީސްގެ ސާޗާޖެއް ނަގާއިރު، ދެކުނު އިރުމަތީ އޭޝިއާ އަށް ކުރާ ދަތުރުތަކުން 60 ޑޮލަރަށް އަދި އެފްރިކާގެ ރޫޓުތަކުން 90 ޑޮލަރަށް ސާޗާޖު އަރާނެ ކަމަށް ބެލެވެއެވެ. އަދި މި މަހުގެ 18 އިން ފެށިގެން ޔޫރަޕަށް 125 ޑޮލަރު، އަދި ނޯތު އެމެރިކާ އާއި އޮސްޓްރޭލިއާއަށް 200 ޑޮލަރަށް ސާޗާޖު ބޮޑުވާނެއެވެ.
ހޮންކޮންގް އެއާލައިންސް އިން ވެސް ވަނީ ރާއްޖެ، ނޭޕާލް އަދި ބަންގްލަދޭޝް ފަދަ މަންޒިލްތަކަށް ކުރާ ދަތުރުތަކުން ނަގާ ފިއުލް ސާޗާޖު 35 ޕަސެންޓް ބޮޑުކޮށްފައެވެ. މީގެ އިތުރުން ކުއަންޓަސް އިން ބައިނަލްއަގުވާމީ އަގުތައް އެވްރެޖްކޮށް 5 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު، ތައި އެއާވޭސް އިން ވަނީ ޔޫރަޕްގެ ރޫޓުތަކުގެ އަގު 10 އާއި 15 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ބޮޑުކުރަން ނިންމާފައެވެ.
މެދުއިރުމަތީގެ ވައިގެ ސަރަހައްދަށް ނުދާ ރޫޓްތަކަށް ޑިމާންޑް ބޮޑުވެ، ހާއްސަކޮށް އޭޝިއާ އާއި ޔޫރަޕާ ދެމެދު ކުރާ ދަތުރުތަކުގެ ސަބަބުން ޓިކެޓްގެ އަގުތަކަށް ވަނީ އިތުރު ޕްރެޝަރެއް ކުރިމަތިވެފައެވެ. ދުނިޔޭގެ އެއާލައިންތަކުން މިހާރު ދަނީ ހަކަތައިގެ ބާޒާރުތަކަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުންނެވެ.






ރިއެކްޓް