ސައްހަ ނިޔަތުގައި ސައްހަ ގޮތަށް ކުރާ ސުވާލުތަކަށް ސަރުކާރުން ޖަވާބު ދޭނެ: މުންދު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރުޓީއައި) ދަށުން ސައްހަ ނިޔަތުގައި އަދި ޒިންމާދާރުކަމާއެކު ހުށަހަޅާ ސުވާލުތަކަށް ސަރުކާރުން ޖަވާބު ދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ. މުންދު މިހެން ވިދާޅުވީ އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އުފެދިފައިވާ ބަހުސްގެ ތެރެއިންނެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ރައީސް އޮފީހަށް ހުށަހަޅާ ގިނަ އާރުޓީއައިތަކަށް މިހާރު ވެސް ޖަވާބު ދީފައިވާ ކަމަށެވެ. ނަމަވެސް ބައެއް ހުށަހެޅުންތަކުގައި ސައްހަ މީހަކުކަން ކަށަވަރު ނުވާ ފަދަ މައްސަލަތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. "ސައްހަ ފަރާތްތަކުން މީގެ ބައެއް ފަހަރު ބަލާލާއިރު އައިޑެންޓިޓީ ވެސް ދިމާނުވޭ. އޭގެ މާނައަކީ ސައްހަ ނިޔަތުގައި ސައްހަ ގޮތަށް، ޒިންމާދާރުކަމާއެކު ކުރައްވާ ސުވާލުތަކަށް ޖަވާބު އަރުވާނަމޭ،" މުންދު ވިދާޅުވި އެވެ.
މިވަގުތު ޖަވާބު ނުދީ ހުރި އާރުޓީއައިތަކާ ގުޅޭގޮތުން މުންދު ވިދާޅުވީ އެއީ ވަގުތުން ޖަވާބު ދޭން އުނދަގޫ މައުލޫމާތުތަކެއް ކަމަށެވެ. މީގެ ތެރޭގައި ހާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ މައުލޫމާތާއި، މާލީ އެއްބަސްވުންތަކުގައި ހުންނަ ސިއްރު ހިފެހެއްޓުމުގެ މާއްދާތަކާ ގުޅޭ ކަންކަމާއި، ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، އަމާޒަކީ ހުރިހާ ސުވާލުތަކަށް ވެސް ޖަވާބު ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މިފަދަ މޭރުމަކުން ވާހަކަދައްކާފައިވާއިރު، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ ބަންޑާރަނައިބުގެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އާހިދު ވިދާޅުވި ގޮތުގައި އާރުޓީއައި ގާނޫނުގެ ބޭނުން އެއްވެސް ފަރާތަކުން ނަހަމަ ގޮތުގައި ހިފާކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން އެދުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ. މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދުވަނީ ރައީސް އޮފީހަށެވެ.
އައިކޮމްގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، ރައީސް އޮފީހަށް ހުށަހަޅާ ގިނަ މައުލޫމާތުތަކަށް ޖަވާބު ނުލިބުމުގެ އިތުރުން، ކޮމިޝަނުން މައުލޫމާތު ދިނުމަށް އެންގުމުން ވެސް ބައެއް މައްސަލަތަކުގައި މައުލޫމާތު ނުދީ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެވެ އެވެ.






ރިއެކްޓް