ޚަބަރު

ސްޓެލްކޯގެ ބަހަނާ: މަޢުލޫމާތަށް އެދުނީ ރޫހާނީ ޝަޙުސެއް

9 މޭ 2026 - 12:15
 1
ސްޓެލްކޯގެ ބަހަނާ: މަޢުލޫމާތަށް އެދުނީ ރޫހާނީ ޝަޙުސެއް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ އަލީ އަޒްވަރު -- ފޮޓޯ: ސޯޝަލްމީޑިއާ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި މުސާރައަށް ހޭދަކުރާ ފައިސާގެ އަދަދު ހޯދުމަށް އެދުމުން، މަޢުލޫމާތު ހޯދުމަށް އެދުނު ފަރާތަކީ "ރޫހާނީ ޝަހުސެއް" ކަމަށް ބުނެ މަޢުލޫމާތު ދިނުމަށް ސްޓެލްކޯއިން އިންކާރުކޮށްްފިއެވެ.

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ސްޓެލްކޯއިން މަޢުލޫމާތު ހޯދުމަށް އެދުމުން އެމަޢުލޫމާތު ފޯރުކޮށްދެވެން ނެތްް ކަމަށް އެކުންފުނީގެ އިންފޮމޭޝަން އޮފިސަރު ނިންމި ނިންމުން ދިފާޢުކޮށް އެކުންފުނީގެ މުރާޖަޢާ ކޮމިޓީން ބުނީ މަޢުލޫމާތު ހޯދަން އެދުނު މިހާ ދިރިއުޅޭ އެޑްރެހުގައި އެމީހާ ރަޖިސްޓްރީވެފައި ނެތްކަމަށާއި މަޢުލޫމާތު ހޯދަން އެދުނީ "ރޫޙާނީ" ނުވަތަ "ޚިޔާލީ" ޝަޙުސެއް ކަމަށްް ބެލެވޭ ކަމަށެވެ.

މަޢުލޫމާތު ހޯދުމަށް އެދުނު މީހާ އެދިފައިވަނީ ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންނަށް މުސާރަދިނުމަށް ހޭދަކުރާ ފައިސާގެ އަދަދާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތުގެ ތަފްސީލަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހެޅި މި އާރުޓީއައި ގައި ހިމެނޭ މަޢުލޫމާތު ހާމަނުކުރުމަށް ސްޓެލްކޯގެ އިންފޮމޭޝަން އޮފިސަރު ދެއްކި ބަހަނާއަކީ އެ މަޢުލޫމާތުތަކަކީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު" ގެ ދަށުން ދޫނުކޮށް ހިފެހެއްޓޭން މަޢުލޫމާތު ކަމަށެވެ. އެގޮތުން އެ މަޢުލޫމާތުތަކަކީ އެ ޤާނޫނުގެ 23 ވަނަ މާއްދާ (ޒާތީ މަޢުލޫމާތު) އަދި 25 ވަނަ މާއްދާގައި ބުނާ "ވިޔަފާރީގެ ސިއްރުތައް" ކަމަށް ބުނެ މަޢުލޫމާތު ހާމަކުރަން އިންކާރުކޮށްފައިވެއެވެ.

އިންފޮމޭޝަން އޮފިސަރުގެ މި ނިންމުން މުރާޖައާ ކުރުމަށް އަލުން ހުށަހެޅުމުން ސްޓެލްކޯގެ މުރާޖައާ ކޮމިޓީން ވަނީ އިންފޮމޭޝަން އޮފިސަރުގެ ނިންމުން ރަނގަޅު ކަމަށާއި މަޢުލޫމާތު ހޯދުމަށް ހުށަހެޅި ފަރާތަކީ "ރޫހާނީ ނުވަތަ ޚިޔާލީ ޝަހުސެއް" ކަމަށްް ބުނެފައެވެ. މަޢުލޫމާތު ހޯދުމަށް އެދުނު މީހާއަކީ ރޫހާނީ ޝަހުސެއް ކަމަށް މުރާޖައާ ކޮމިޓީން ނިންމީ އެމީހާ ދިރިއުޅޭ އެޑްރެސް ކަމަށް ބަޔާންކޮށްްފައިވާ އެޑްރެހުގައި އެމީހާ ރަޖިސްޓްރީ ވެފައި ނެތުމުންކަމަށް މުރާޖައާ ކޮމިޓީގެ ޖަވާބުގައި ބުނެފައިވެއެވެ.

ސަރުކާރުގެ އެކި އިދާރާއަކާއި ކުންފުނިތަކުން މަޢުލޫމާތު ހޯދުން ދަތިކުރުމަކީ އާއްމުކަމެކެވެ. އަދި މަޢުލޫމާތު ހާމަނުކޮށްް ހިފެހެއްޓުމާއި ޤާނޫނުގައި ބަޔާންކޮށްފައިވާ މަގުބޫލު އުޒުރެއް ނެތި މަޢުލޫމާތު ހާމަކުރުން ލަސްކުރުމަކީވެސް އިދާރާތަކާއި ކުންފުނިތަކުން ކުރަމުން އަންނަ ކަމެކެވެ. މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދުވެސް ދަނީ އެކި މުނާސަބަތުތަކުގައި ފާހަގަކުރައްވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0