ސިޔާސީ , ޚަބަރު

"އައިޝާ" ޑޮކިއުމަންޓަރީ: ތަހުގީގަށް އީޝާ ފުލުހަށް ހާޒިރު ކުރަނީ

5 މޭ 2026 - 12:06
"އައިޝާ" ޑޮކިއުމަންޓަރީ: ތަހުގީގަށް އީޝާ ފުލުހަށް ހާޒިރު ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް 'އަދަދު' ނޫހުން ތައްޔާރުކޮށްފައިވާ "އައިޝާ" ޑޮކިއުމަންޓަރީގެ މައްސަލާގައި، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވާފައިވާ އިޝާ އަޝްރަފު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޗިޓުގައިވާ ގޮތުން އީޝާ ހާޒިރުވާން ޖެހެނީ މިރޭ 9:00 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށެވެ.

ފުލުހުން އީޝާގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް މުއިއްޒަށް ގަޒްފުގެ ތުހުމަތުކުރެވުނު އެ ވީޑިއޯ ޑޮކިއުމަންޓަރީ ތައްޔާރުކުރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށެވެ. މި މައްސަލައާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް އީޝާ ހާޒިރުކުރާއިރު، މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ މީގެ ކުރިން 'އަދަދު' ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ފިޔާޒާއި ހަސަން ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ނަމަވެސް، އެ ދުވަހުގެ ތަހުގީގުގައި އެ ދެ ބޭފުޅުން ވެސް ބޭނުންކުރެއްވީ ހަނު ހުރުމުގެ ހައްގު ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ހަވާލާދެނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާއަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0