އިންވެސްޓަރުންނަށް ހާއްސަ 'ޕާލް ރެޒިޑެންސް ވިސާ' އަންނަ މަހު ތައާރަފު ކުރަނީ
މި ވިސާ ތައާރަފު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ޕްރޮގްރާމަކީ މިދިޔަ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިން، ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއެކެވެ. މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މި މަސައްކަތް ކުރަނީ މި ދާއިރާގައި ދުނިޔޭގެ 33 ގައުމެއްގައި ހަރަކާތްތެރިވާ އެންމެ ވަރުގަދަ ނެޓްވޯކް އޮތް ކުންފުންޏާ ގުޅިގެންނެވެ.
މި ވިސާގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ޑައިވަސިފައި ނުވަތަ ސިންދަފާތު ކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. މިނިސްޓަރު ވިދާޅުވީ، "ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑަކީ ޓޫރިޒަމަށް ބަލައިފި ނަމަ ރާއްޖެ. ރާއްޖޭގައި މިފަދަ ލޯންގް ސްޓޭ ނުވަތަ ދިގު މުއްދަތަކަށް ރެޒިޑެންސެއް ލޯންގް ރާމް ރެންޓަލްއެއްގައި ހުރެވޭނެ އިންތިޒާމު ހަމަޖައްސައިފި ނަމަ އެ ވާނެ ވަރަށް ބޮޑު ކުރިއެރުމެއް" ކަމަށެވެ.
މި ޕްރޮގްރާމަކީ ދުބާއީ ފަދަ ގައުމުތަކުގައި ހިންގާ 'ގޯލްޑަން ވިސާ' ޕްރޮގްރާމާ އެއްފަދަ، ނަމަވެސް ރާއްޖޭގެ ވަރުގަދަ ޓޫރިޒަމް ބްރޭންޑާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ. މީގެ ސަބަބުން ބޭރުގެ މުއްސަނދި އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތަކަށް މަޑުކުރުމަށް މަގުފަހިވެގެންދާނެ އެވެ.
އިންވެސްޓަރުންގެ އިތުރުން، ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ވެސް ސަރުކާރުން އަންނަނީ އާ ވިސާތަކެއް ތައާރަފުކުރަން ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި ތިބެގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ 'ރިމޯޓް ވޯކިން ވިސާ' އާއި 'ކޮންޓެންޓް ކްރިއޭޓަރުން' ނަށް ހާއްސަ ވިސާއެއް ހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.
މި ބަދަލުތަކަކީ ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކާއި ގުޅިގެން ޓޫރިޒަމަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށާއި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓީޖިކް ސިޔާސަތުގެ ބައެކެވެ.






ރިއެކްޓް