އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސް އަޅާކަމަށް ބުނެ އެކަން ކުށްވެރިކޮށްފި
ސިވިލް ސާވިސް އަންހެން މުވައްޒަފުންގެ ހެދުން އެޅުމަށް ގެނައި ބަދަލުތަކަކީ ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީމިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުގައި ސިފަކޮށް, އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނީ, ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މިއުސޫލުތަކުގެ ސަބަބުން ސީދާ ހުރަސްއެޅޭ ކަމަށާއި ދައުލަތުގެ މުއައްސަސާތަކަކީ މިފަދަ ހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަންކަމުގައިވީ ނަމަވެސް، މިހާރު ހާމަވެގެން މި ދަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓާ ކުރުމަށް މަސައްކަތްކުރަމުން ދާ މަންޒަރު ކަމަށެވެ.
މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި،ނެރެދޭ ނަތީޖާއާއި، އަދި ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށެވެ. އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫން ކަމަށް ބަޔާނުގައިވެއެވެ.
އެހެންކަމުން މި އުސޫލަކީ ޕްރޮފެޝަނަލިޒަމްގެނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
"ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ފަދަ އުސޫލެއް ނުހިންގައި، ހަމަ އެކަނި ސިވިލް ސަރވިސްއަށް ނިސްބަތްވާ އަންހެން މުވައްޒަފުންގެ މައްޗަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމުން، މިއީ މުވައްޒަފުންގެ އަހްލާގާ ގުޅޭ އުސޫލެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގިގެންދެއެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ބަޔާނުގައި ބުނީ ފަދަސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބަ އޮތް ކަމަށެވެ.
އަދި މިއީ، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށައިފައިވާ ނުރައްކާތެރި މަސައްކަތެެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.






ރިއެކްޓް