ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި މި ފުރުޞަތު ހުޅުވާލާފައިވަނީ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ 2 މަޤާމަކަށް މެންބަރުން އައްޔަންކުރުމަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސިލެކްޝަން ކޮމިޓީން 3 ނަން ޝޯޓްލިސްޓް ކުރާނެއެވެ. އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން (ސީއެމްޑީއޭ) އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ. ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ބޯޑަށް ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 35 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. ތަޢުލީމީ ގޮތުން ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށް، އެއިން ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާން ޖެހެއެވެ. މީގެ އިތުރުން ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާގެ ތަޖުރިބާ ހުރުމަކީވެސް ޝަރުތެކެވެ.
މީގެ އިތުރުން، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ސަރުކާރުން 50 އިންސައްތައަށްވުރެ މަތިން ހިއްސާވާ ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުންޏެއްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށްވެސް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގައި ބަޔާންކޮށްފައިވެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ޝައުޤުވެރިވާ ފަރާތްތަކުން ލިޔެކިޔުންތަކާއެކު ގޫގުލް ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ޕެންޝަން އޮފީހުން ވަނީ އެދިފައެވެ. ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި މާކްސް ދޭނެ އުސޫލު ހިމެނޭ ޓާރމްސް އޮފް ރެފަރަންސް މިހާރު ވަނީ އެ އޮފީހުން ޝާޢިއުކޮށްފައެވެ.
2009 ވަނަ އަހަރު ޤާއިމްކުރި ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ އިދާރާއެވެ. އެ އޮފީސް ހިންގަނީ 8 މެންބަރުންގެ ބޯޑަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯޑުގެ ޗެއަރޕަރސަން، ސީއެމްޑީއޭގެ އިސް މުވައްޒަފެއް، ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފެއް، ސޯޝަލް ސެކިއުރިޓީއާ ބެހޭ ވުޒާރާގެ އިސް މުވައްޒަފެއް އަދި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންނެވެ.






ރިއެކްޓް