މާލޭ ސަރަހައްދުގެ އެސްޓީއޯ ފާމަސީތަކުން އިންފުލުއެންޒާ ވެކްސިން މިހާރު ލިބޭނެ: އެސްޓީއޯ
ރާއްޖޭގައި މިހާރަކަށް އައިސް އެންމެ ޢާއްމު އެއް މޫސުމީ ރޯގާ ކަމަށްވާ "އިންފުލުއެންޒާ" ގެ ވެކްސިން މިހާރު މާލޭ ސަރަހައްދުގެ އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އިއްޔެ މާލޭ ސަރަހައްދުގެ ބޭސްފިހާރަތަކުން މި ވެކްސިން ހުސްވެފައި ހުރިކަން ފާހަގަވެ, އިއްޔެގެ ނިޔަލަށް ހުރިހާ ބޭސްފިހާރަތަކަށް މި ވެކްސިން ސަޕްލައި ކޮށްދީފައިވާކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.
"ވިރާސީ" އަށް މަޢުލޫމާތުދެމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެސްޓީއޯ އިން މި ވެކްސިން ހުސްވެފައި ނުވާ ކަމަށެވެ. އަދި އިއްޔެވެސް މާލޭގެ ހެންވޭރު އެސްޓީއޯ ފާމަސީގައި މި ވެކްސިން ހުރި ކަމަށާއި އެހެން ފާމަސީތަކަށް އިއްޔެގެ ނިޔަލަށް ވެކްސިން ރީސްޓޮކް ކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސް ފޯރުކޮށްދިނުމުގައި އެސްޓީއޯ އަބަދުވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ" ރައްޔިތުންނަށް ބޭނުންވާ ބޭސް އެސްޓީއޯގެ ފާމަސީތަކުން ލިބެން ހުންނާނެކަމުގެ ޔަގީންކަން ދެމުން އޮފިޝަލް ވިދާޅުވިއެވެ.
އިންފުލުއެންޒާ ޖެހިގެން މިދިޔަ އަހަރުވެސް ދެމީހުނަށްވުރެ ގިނަ މީހުން ރާއްޖޭގައި ނިޔާވެފައިވާއިރު ބަލިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އަބަދުވެސް އިރުޝާދު ދެއެވެ.
އިންފުލުއެންޒާގެ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ނޭފަތުން ފެން އައުން އަދި ގައިން ވަރު ދެރަވުމުގެ އިތުރުން ބޮލުގައި ރިއްސައި ގައިގަ އާއި ކަރުގައި ރިއްސުމާއި ކެއްސުން ހިމެނެއެވެ.
މިފަދަ ޢާލާމާތްތައް ފެންނަ ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ސިއްޚީ މާހިރުން ލަފާދެއްވައެވެ.






ރިއެކްޓް