ޚަބަރު

އަބްދުއްރަހުމާންގެ ބޮލުގެ ނާށިގަނޑު ވެސް ފެންނަން ހުރި: ރަށު މީހުން

ޖުލައި 13, 2025 - 15:57
ޖުލައި 13, 2025 - 19:02
 0
އަބްދުއްރަހުމާންގެ ބޮލުގެ ނާށިގަނޑު ވެސް ފެންނަން ހުރި: ރަށު މީހުން
އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސް ލޯންޗު ތެރޭގައި -- ފޮޓޯ: ވިރާސީ

ރޭ ދަންވަރުގެ ވަގުތެއްގައި ލާއިންސާނީ ގޮތަކަށް މަރާލައިފައިވާ އއ. މާޅޮސް އޯކިޑްމާގޭ އަބްދުއްރަހުމާން (65 އަހަރު) ގެ ބޮލުގެ ނާށިގަނޑުވެސް ފެންނާން އޮތް ކަމަށާއި، އެއް ލޯ އޮތީ ވަރަށް ބޮޑަށް ނޫފައިގެންފައި ކަމަށް އއ. މާޅޮސް އިން "ވިރާސީ" އަށް މައުލޫމާތު ދިން މީހަކު ބުނެފިއެވެ.

މިއީ ބަޔަކު ރާވައިގެން ގަސްތުގައި ސީދާ އަބްދުލްރަހްމާން މަރާލަން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭކަމަށް، އޭނާގެ ހަށިގަނޑު ފެނުން މީހުން ވަނީ ބުނެފައެވެ.

އަބްދުލްރަހްމާނުގެ ހަށިގަނޑު ޒަހަމްތަކާއި އެކު އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމް އަށެވެ. އޭރު އޭނާގެ ފިރިމީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ ކަމަށާއި ކޮޓަރީގެ ފާރާއި ހަމަށްވެސް ބައިވަރު ލޭ ބުރާފައި ހުރި ކަމަށް އއ. މާޅޮހުގައި ހަރަކާތްތެރިވަމުންދާ ބައެއް ނޫސްތަކަށް ނާޒިމާ ވަނީ މައުލޫމާތު ދީފައެވެ.

މާޅޮސްއިން "ވިރާސީ" އަށް މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި އަބްދުއްރަހްމާންގެ އަންހެނުންނަށް ނިދާފައި އޮއްވާ ބާރުގަދަ އަޑެއް އިވިގެން ހޭލައިގެން ބޭރަށް ނުކުތް ކަމަށް ވެއެވެ. އަދި އެ ގޭ ކައިރި ކެފޭތައް ކައިރިވެސް ނާޒިމާ ބެލި ކަމަށްވެއެވެ. އަދި އޭގެ ފަހުން ގެއަށް އެނބުރި ދިޔަ އިރު އަބްދުއްރަހްމާނަށް ބޮޑެތި ޒަހަމްތަކެއް ލިބި މަރަށް ތެޅޭތަން ފެނުނު ކަމަށް ނާޒިމާ ބުނިކަމަށްވެސް އެމީހާ މަޢުލޫމާތު ދިނެވެ. އަދި ނާޒިމާ ފުރަތަމަ ގުޅީ އޭނާގެ ފިރިހެން ދަރިފުޅުގެ އަނބިމީހާއަށް ކަމަށްވެސް އެމީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 1:50 ހާއިރުއެވެ. އަދި އެރަށު ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިގެން ސިއްހީ މަރުކަޒަށް ގެންގޮސް އެގަޑީގައި ފަރުވާދެމުންދިޔަ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. 

ފުލުހުން މިހާރު ވަނީ އަބްދުލް ރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެއްދުމަށް މާލެ ގެނެސްފައެވެ. އާއިލާ އިން ފުރަތަމަ ބޭނުންވީ، ހަށިގަނޑަށް އިތުރު ގެއްލުމެއް ނުދީ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދާށެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް ކޮންމެހެން ފޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީ ހެދުމަށް ބޭނުންވާތީވެ މާލެ ގެނައީ އެވެ.

އަބްދުއްރަހްމާންގެ ހަށިިގަނޑު މާލެ ގެނައީ މިއަދު ހަވީރު އިރުއޮއްސި 6:30 ހާއިރުއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0