ދުނިޔެ , ޚަބަރު

މެރިއޮޓް ހޮޓެލްގައި މަރުވެފައި އޮއްވާ ފެނުނު ސައުދީ އަމީރު މަރުވީ އޯވާޑޯޒުވެގެން: ޕޯސްޓްމޯޓަމް ރިޕޯޓު

25 ޖުލައި 2026 - 14:32
މެރިއޮޓް ހޮޓެލްގައި މަރުވެފައި އޮއްވާ ފެނުނު ސައުދީ އަމީރު މަރުވީ އޯވާޑޯޒުވެގެން: ޕޯސްޓްމޯޓަމް ރިޕޯޓު
އިނގިރޭސިވިލާތުގެ ލަންޑަނުގެ މެރިއޮޓް ހޮޓެލްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ސައުދީ އަރަބިއްޔާގެ އަމީރު ޢަބްދުﷲ ބިން ފަހަދު ބިން ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް ބިން ޖަލާވީ އާލް ސުޢޫދު މަރުވީ ބަނގުރަލާއި މަސްތުވާތަކެއްޗަށް އޯވާޑޯޒުވެގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފިއެވެ.
އުމުރުން 29 އަހަރުގެ އަމީރު މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، އަމީރު މަރުވީ ބަނގުރަލާއި، ޕާޓީތަކުގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ޖީއެޗްބީ" (ގާމާ - ހައުޑްރޮކްސީބިއުޓިރޭޓް) އަދި ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭހެއް ކަމަށްވާ "ޒަނަކްސް" މާގިނައިން ބޭނުންކުރުމުގެ ސަބަބުން ހިތް ހުއްޓިގެންނެވެ. "ދަ ޓެލެގްރާފް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުން ފެނުނު ބަނގުރަލުގެ މިންވަރު ހުރީ އިނގިރޭސިވިލާތުގައި ކާރު ދުއްވުމަށް ހުއްދަދީފައިވާ މިންވަރަށްވުރެ ތިން ގުނަ އިތުރަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ލަންޑަންގެ ކެންސިންގްޓަންގައި ހުންނަ މެރިއޮޓް ހޮޓެލްގެ ފާހާނާ ތެރެއިން އަމީރު މަރުވެފައި އޮއްވާ ފެނުނީ އެ ހޮޓެލް ސާފުކުރުމުގެ މަސައްކަތުގައި އުޅުނު މުވައްޒަފަކަށެވެ. ތަހުގީގުން އެނގިފައިވާ ގޮތުގައި އަމީރު އެ ހޮޓަލަށް ގޮސްފައިވަނީ ނޮވެމްބަރު 19 ވަނަ ދުވަހު އެއް ހަފްތާގެ މުއްދަތަކަށެވެ.

ކޮރޮނާ ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި ހާމަކުރި ގޮތުގައި، އަމީރު ޢަބްދުﷲ އަކީ ގަވާއިދުން ބަނގުރަލާއި ޒަނަކްސް ބޭނުންކުރަމުންދިޔަ ފަރާތެކެވެ. މަރުވުމުގެ ތިން މަސް ކުރިން އޭނާ ވަނީ ލަންޑަނުގެ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކުލިނިކެއްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައެވެ. އަދި ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯދުމަށްފަހު އޭނާ އެ ކުލިނިކުން ދޫކޮށްލާފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، އަމީރު އަވަހާރަވުމުގެ ކުރިން އެންމެ ފަހުން ފެނިފައިވަނީ ހޮޓަލުން ބޭރަށް ސިނގިރެޓެއް ބޯން ނިކުމެގެން ދަނިކޮށެވެ. މި މައްސަލައިގެ ތަހުގީގު ނިންމާލާފައިވަނީ އެއީ މަސްތުވާތަކެއްޗަށް އޯވާޑޯޒުވެގެން ހިނގި މަރެއްގެ ގޮތުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0