ދީން

ވެރިންނަކީ ބެލެހެއްޓުންތެރިން، ރައްޔިތުންނާ މެދު އެމީހުންނާ ސުވާލުވެވޭނެ: ހުތުބާ

24 ޖުލައި 2026 - 14:38
ވެރިންނަކީ ބެލެހެއްޓުންތެރިން، ރައްޔިތުންނާ މެދު އެމީހުންނާ ސުވާލުވެވޭނެ: ހުތުބާ

ވެރިންނަކީ ބެލެހެއްޓުންތެރިން ކަމަށާއި، އެބައިމީހުންގެ ބެލެހެއްޓުމުގެ ދަށުގައިވާ ރައްޔިތުންނާ މެދު އެމީހުންނާ ސުވާލުކުރެވޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

އަދި މުޖުތަމަޢުގެ އެކި ފެންވަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ޙަވާލުވެތިބި މީހުންނަކީ ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއްކަން ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. 

ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ބެލެހެއްޓުންތެރިއެކެވެ. ކީރިތި ރަސޫލާ ގެ ޙަދީޘްފުޅެއްގެ މާނައިގައިވަނީ "ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ބަޔަކާ މެދު އޭނާއާ ސުވާލުވެވޭނެތެވެ. ވެރިމީހާއަކީ ބެލެހެއްޓުންތެރިއެކެވެ. އޭނާގެ ރައްޔިތުންނާ މެދު އޭނާއާ ސުވާލުވެވޭނެއެވެ."މިފަދައިންނެވެ. އެހެންކަމުން، ޒިންމާތަކާ ޙަވާލުވެތިބޭ މީހުން އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، މަސްއޫލިއްޔަތު އަދާކުރީ ކިހިނެއްތޯ ބެލެވޭނެއެވެ.

އިސްލާމީ މުޖުތަމަޢެއްގެ ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ޢަދުލުއިންޞާފުގެ މައްޗަށްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެއްކަން ބަޔާންކުރައްވައި، ކީރިތި ރަސޫލާ ދެއްވާފައިވާ މިސާލަށް ޚުޠުބާގައި އަލި އަޅުވާލެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވި ކަމުގައި ވިޔަސް، އެ ކަމަނާގެ މައްޗަށް ވެސް ޝަރުޢީ ޙައްދު ޤާއިމުކުރައްވާނެ ކަމަށެވެ.

ކޮންމެ މީހަކު ވެސް އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި، އެކަމުގައި ތެދުވެރިވާން ޖެހޭނެ ކަމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ. ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރާ މީހުންނެވެ. ޤައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓޭނީ، ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކޮށްގެންނެވެ.

ޚުޠުބާ ނިންމާލަމުން، މާތް ﷲ ގެ ވަޙީބަސްފުޅެއް ހަނދާންކޮށްދެއްވިއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނަތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނަތްތެރި ނުވާށެވެ!"

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0