ދީން

ރޯދައަށް ހުރެ ދޫ ރައްކާތެރިކުރުމުގެ މުހިއްމުކަން

21 ފެބްރުވަރީ 2026 - 22:47
ރޯދައަށް ހުރެ ދޫ ރައްކާތެރިކުރުމުގެ މުހިއްމުކަން

ރޯދައަކީ ހަމައެކަނި ކެއިންބުއިމުން ދުރުހެލިވުމެއް ނޫނެވެ. ރޯދައިގެ ޙަޤީޤީ މަޤްޞަދަކީ ތަޤްވާވެރިކަން ޙާޞިލްކުރުމެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ރޯދަ ފަރުޟުކުރެވުނީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ. ވީމާ، ރޯދައިގެ ފުރިހަމަ ސަވާބު ލިބިގަތުމަށް ހަމައެކަނި ބަނޑު ހައިހޫނުކަމުގައި ބެހެއްޓުމަކުން ނުފުދެއެވެ. އެހެނެއްކަމަކު، ހުރިހާ ގުނަވަންތަކެއް ފާފައިން ދުރުހެލިކުރުވަން ޖެހެއެވެ.

ދޫ ރައްކާތެރިކުރުމަކީ ދުލުން ނުކުންނަ ކޮންމެ ބަހެއް ﷲ ރުއްސަވާ ގޮތަށް ބައްޓަންކުރުމެވެ. ނުބައި ވާހަކައާއި ބޭކާރު ވާހަކައިން ދުރުހެލިވެ، ހެޔޮ ބަސް ބުނުމެވެ. ދުލަކީ ހަށިގަނޑުގެ ކުޑަކުޑަ ގުނަވަނެއް ކަމުގައިވީ ނަމަވެސް، އެއީ އެންމެ ބާރުގަދަ ގުނަވަނެވެ. ދުލުން ބުނެވޭ އެންމެ ބަހަކުން އިންސާނާ ސުވަރުގެއަށް ވެއްދެއެވެ. އަދި ހަމަ އެ ދުލުން ބުނެވޭ އެންމެ ބަހަކުން ނަރަކައަށް ވެއްޓެއެވެ.

 

ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. މީހާ ސުވަރުގެއަށް ވެއްދުމާއި ނަރަކައަށް ވެއްދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ދުލެވެ.

 

ދުލުން ކުރެވޭ ފާފަތައް

ކީރިތި ރަސޫލާ صلى الله عليه وسلمގެ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުންނަ ދުވަހުގައި، ހަޑިހުތުރު ބަސްތައް ނުބުނާހުށިކަމެވެ. އަދި އަޑުގަދަކޮށް ހަޅޭލައި ނުހަދާހުށިކަމެވެ. ފަހެ، އެހެން މީހަކު ތިބާއަށް ހުތުރު ބަހެއް ބުނެ ނުވަތަ އަރައިރުމެއް ފަށައިފިނަމަ ބުނާށެވެ! ހަމަކަށަވަރުން ތިމަންނާއީ ރޯދަވެރިޔަކީމެވެ."

ދުލުން ކުރެވޭ ފާފަތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި:

ޣީބަ ބުނުން: އެއީ މީހެއްގެ ޣައިރު ޙާޟިރުގައި އެމީހަކު ނުރުހޭ ވާހަކައެއް ދެއްކުމެވެ. އެއީ ތެދު ވާހަކައެއް ކަމުގައިވީ ނަމަވެސް މެއެވެ.

ދޮގު ހެދުން: ދޮގު ހެދުމަކީ މުނާފިޤުންގެ ސިފައެކެވެ. ދޮގު ހަދާ މީހާ ފާފަވެރިވެއެވެ.

ނެތިމޮށުން: އެއީ ދެމީހެއްގެ ދެމެދުގައި ފިތުނަ އުފެއްދުމަށް ވާހަކަ އުފުލުމެވެ.

ހަޑިހުތުރު ބަސް ބުނުން: ހުތުރު ބަސް ބުނުމާއި ފާޙިޝް ވާހަކަ ދެއްކުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ.

ފިތުނަ އުފެއްދުން: މީސްތަކުންގެ މެދުގައި ދެބައޮޑުވުމާއި ރުޅިވެރިކަން އުފެއްދުމެވެ.

 

ދޫ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައް

ދޫ ރައްކާތެރިކުރުމަށް އެތައް ގޮތެއް އެބަހުއްޓެވެ:

ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {މުއުމިނަކީ، މީހުންގެ އަބުރާބެހި، އަނެކުންނަށް ލަޢުނަތްދީ، ހަޑިހުތުރު ބަސްތައްބުނެ، ބޭކާރު ވާހަކަދައްކައި އުޅޭނެ މީހަކުކަމުގައި ނުވެއެވެ.}

ގިނައިން ޒިކުރުކުރުމާއި ޤުރުއާން ކިޔެވުން: ދޫ ﷲ ގެ ޒިކުރުން ފުރާލާށެވެ. ޤުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި މަޝްޣޫލުވެ އުޅޭ ދުލަކުން ނުބައި ވާހަކަ ދެއްކުމުގެ ފުރުޞަތު ކުޑަވާނެއެވެ.

ބޭކާރު ވާހަކަ ދެއްކުމުން ދުރުހެލިވުން: ބޭކާރު މަޖިލިސްތަކުން ދުރުވެ، ފައިދާހުރި ވާހަކަ ދެއްކުމަށް އިސްކަންދޭށެވެ.

ރުޅި އައުމުން ހަމަހިމޭންވުން: ރުޅި އަންނަ ވަގުތު ވާހަކަ ނުދައްކާ ހިމޭނުން ހުންނާށެވެ. އެފަދަ ވަގުތު ބުނެވޭ ބަސްތަކުން ފަހުން ހިތާމަކުރަން ޖެހެއެވެ.ހެޔޮ ބަސް ބުނުން ނުވަތަ ހިމޭނުން ހުރުން: ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ހެޔޮ ބަސް ބުނާށެވެ. ނުވަތަ ހިމޭނުން ހުންނާށެވެ.

 

ރޯދައާއި ދުލާ ހުރި ގުޅުން

ރޯދައާއި ދުލާ ދެމެދު ވަރަށް ބޮޑު ގުޅުމެއްވެއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ރޯދައަކީ އައްޑަނައެކެވެ. ތިޔައިގެ ތެރެއިން މީހަކު ރޯދައަށް ހުންނަ ދުވަހެއްގައި ހުތުރު ވާހަކަ ނުދައްކާށެވެ. އަދި އަޑުގަދަ ނުކުރާށެވެ. މީހަކު އެއްޗެހި ކިޔައިފިނަމަ ނުވަތަ ޒުވާބުކޮށްފިނަމަ ތިމަންނައަކީ ރޯދައަށް ހުރި މީހެކޭ ބުނާށެވެ.

އަދިވެސް ޙަދީޘްކުރެއްވިއެވެ. ދޮގު ހެދުމާއި ދޮގުގެ މައްޗަށް ޢަމަލުކުރުން ދޫނުކުރާ މީހާ ކެއިންބުއިން ދޫކޮށްލުމަކީ ﷲ އަށް ބޭނުންފުޅުވާ ކަމެއް ނޫނެވެ. މި ޙަދީޘުން ދޭހަވާ ގޮތުގައި، ދޫ ރައްކާތެރިނުކޮށް ހިފާ ރޯދައިން ފުރިހަމަ ސަވާބެއް ނުލިބޭނެއެވެ.

ރޯދަމަހަކީ ތަރުބިއްޔަތުގެ މައްސަރެކެވެ. މި މައްސަރުގައި ދޫ ރައްކާތެރިކުރުމުގެ އާދަ ހަރުލައްވާށެވެ. ރޯދައިގެ ފުރިހަމަ ފައިދާ ލިބިގަތުމަށް ބަނޑާއެކު ދޫވެސް ރޯދައަށް ބެހެއްޓުން ލާޒިމެވެ. ރޯދަމަސް ނިމުމުންވެސް މި ރީތި އާދަ ދެމެހެއްޓުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. ދޫ ރައްކާތެރިކުރުމަކީ މުޅި ޙަޔާތުގައި ދެމެހެއްޓެންޖެހޭ މާތް އާދައެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0