ރަަމަޟާން މަހަށް ނަފްސު ތައްޔާރުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން
ރަމަޟާން މަހަކީ މުސްލިމުންނަށް ލިބޭ އެންމެ ބަރަކާތްތެރި އެއް މައްސަރެވެ. މިއީ ރަޙްމަތާއި މަޣްފިރަތާއި ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރެވެ. ނަމަވެސް މި މާތް މައްސަރުގެ ފޮނި މީރުކަން ޙާޞިލުވާނީ އެ މައްސަރަށް ފުރިހަމައަށް ތައްޔާރުވެގެން ތިބޭ މީހުންނަށެވެ.
ޒުވާން ޢުމުރަކީ އެންމެ ބާރުގަދަ، އެންމެ ހަކަތަ ހުރި ދުވަސްވަރެވެ. މި ޢުމުރުގައި ކުރެވޭ އަޅުކަންތަކުގެ ޘަވާބު އެތައް ގުނައެއް އިތުރުވެގެންވެއެވެ. ޤިޔާމަތް ދުވަހު ﷲގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭ ހަތް ބައިގެ ތެރޭގައި ﷲއަށް އަޅުކަން ކުރުމުގައި ބޮޑުވި ޒުވާނާ ހިމެނެއެވެ.
ތައްޔާރުނުވެ ރަމަޟާން އައިސް ނިމިގެން ދިއުމަކީ ބޮޑު ގެއްލުމެކެވެ. ފުރަތަމަ ދުވަސްކޮޅު ހަށިގަނޑު ހޭނެން އުނދަގޫވެ، ޢިބާދާތުގައި ދެމިހުންނަންދަތިވެ، އެންމެ ފަހުން ރަމަޟާން ނިމިގެންދާއިރު ލިބެންވީ ފައިދާ ނުލިބި ހުންނަ ފަހަރު މަދެއް ނޫނެވެ.
ރޫޙާނީ ގޮތުން ތައްޔާރުވުން
ރަމަޟާން މަހަށް އެންމެ ފުރަތަމަ ތައްޔާރުވާންވީ ހިތުންނެވެ. އެއީ ރޫޙާނީ ގޮތުން ތައްޔާރުވުމެވެ.
ޝައުބާން މަހުގައި ރޯދަ ހިފުން: ކީރިތި ރަސޫލާ ﷺ ޝައުބާން މަހުގައި ގިނައިން ރޯދަ ހިއްޕެވިއެވެ. މިއީ ހަށިގަނޑާއި ނަފްސު ރޯދައަށް ހާނުވައިދޭ އެންމެރަނގަޅު ގޮތެވެ. ހަފްތާއަކު ދެ ދުވަހު ނުވަތަ ހޯމަ ބުރާސްފަތީގައި ރޯދަ ހިފަން ފެށުމަކީ އެދެވިގެންވާ ކަމެކެވެ.
ޤުރުއާނާ ގާތްވުން: ރަމަޟާނަކީ ޤުރުއާނުގެ މައްސަރެވެ. މިހާރުއްސުރެ ކޮންމެ ދުވަހަކު ޤުރުއާން ކިޔެވުމަށް ވަގުތު ކަނޑައެޅުން މުހިންމެވެ. ރަމަޟާންމަހުގައި ޚަތިމެއް ނުވަތަ ދެ ޚަތިމު ކުރުމުގެ އަމާޒު މިހާރުއްސުރެ ކަނޑައެޅިދާނެއެވެ. އަދި ޤުރުއާނުގެ މާނަ ދެނެގަންނަން މަސައްކަތް ކުރުމަކީވެސްނުހަނު ބޭނުންތެރި ކަމެކެވެ.
ތައުބާވުން: ފާއިތުވީ ރަމަޟާންތަކާ މެދު ވިސްނައިލުން ރަނގަޅެވެ. ފާއިތުވީ ރޯދަ މަސްތަކުގައި ކުރެވުނު ފާފަތަކާއި އެޅުނު ކަތި ފިޔަވަޅުތަކަށް ތައުބާވުމީކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ﷲގެ ޙަޟްރަތުގައި ކުރެވުނު ކުށްތަކަށް މަޢާފަށް އެދުމީ ރަމަޟާނަށް ތައްޔާރުވުމުގެ މުހިންމު ބައެކެވެ.
ދުޢާއާއި ޒިކުރު އިތުރުކުރުން: ދުޢާއަކީ މުއުމިނާގެ ހަތިޔާރެވެ. ރަމަޟާން މަސް ދެއްކެވުމަށާއި އެ މައްސަރުގެ ބަރަކާތް ދެއްވުމަށް އެދި ދުޢާ ކުރުން ގިނަކުރަންވާނެއެވެ. ދުވާލުގެ ވަގުތުތަކުގައި ޒިކުރު ކުރުން ގިނަ ކުރުމީ ހިތަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.
ޖިސްމާނީ ގޮތުން ތައްޔާރުވުން
ރޫޙާނީ ތައްޔާރީތަކާ އެކު ޖިސްމާނީ ގޮތުންވެސް ތައްޔާރުވުން ލާޒިމެވެ.
ކެއުމުގެ ވައްޓަފާޅި ބަދަލުކުރުން: ކެއުން މަދުކުރަން ފެށުން ބުއްދިވެރިއެވެ. ތިން އިރު ބަނޑު ފުރެންދެން ކެއުން ހުއްޓައިލައި ލުއި ކެއުންތަކަށް ބަދަލުވެޞިއްޙީ ކެއުންތައް އިޚްތިޔާރު ކުރުން މުހިންމެވެ. މިހެން ހެދުމުން ރަމަޟާން އައުމުން ހަށިގަނޑަށް ބޮޑު ޝޮކެއް ނުލިބޭނެއެވެ.
ނިދީގެ ތާވަލު ރަނގަޅުކުރުން: ދަންވަރު ހޭލައި ތިބެ ފޯނާ ކުޅެ ފަތިހު ނިދުމަކީ ރަމަޟާނަށް ތައްޔާރުވުމުގައި ހުރަސް އެޅޭނެ ކަމެކެވެ. އެހެންކަމުންއަވަހަށް ނިދައި ފަތިހު ހޭލުމަށް އާދަ ކުރުމީ ތަހައްޖުދު ނަމާދާއި ހާރު ކެއުމަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ މުހިންމު ކަމެކެވެ.
ކެފެއިންއާއި ދުންފަތާ ދުރުވުން: ކޮފީއާއި ސައި ގިނައިން ބޯ ނަމަ މަޑުމަޑުން މަދުކުރުން ބުއްދިވެރިއެވެ. ކުއްލިއަކަށް ހުއްޓާލުމުން ބޮލުގައި ރިއްސައިއުނދަގޫވާނެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ ނަމަ މިއީ އެކަން ހުއްޓާލަން އެންމެ ރަނގަޅު ފުރުޞަތެވެ.
ވަގުތު ރާވައިލުމާއި އާދަތައް ބަދަލުކުރުން
ވަގުތަކީ އެންމެ އަގުހުރި ނިޢުމަތެވެ. ވަގުތު ބޭކާރު ކުރުމަކީ ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.
ސޯޝަލް މީޑިއާ މަދުކުރުން: ދުވާލުގެ ކިހާ ވަގުތެއް ފޯނަށް ހޭދަކުރެވޭތޯ ބެލުން ރަނގަޅެވެ. ޓިކްޓޮކާއި އިންސްޓަގްރާމާއި ގޭމުތަކުގައި ގެއްލިގެންދާ ވަގުތު އެއީ ރަމަޟާނުގައި ޤުރުއާނަށާއި އަޅުކަމަށް ދެވޭނެ ވަގުތެވެ. މިހާރުއްސުރެ ސްކްރީން ޓައިމް މަދުކުރަން ފެށުމީ ފައިދާހުރި ކަމެކެވެ.
ފަރުޟު ނަމާދު ވަގުތުގައި ކުރުން: ފަސް ވަގުތު ނަމާދު ވަގުތު ފާއިތުނުވެ ކުރުމަށް މިހާރުއްސުރެ އާދަ ކުރުމީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ނަމާދު ޤާއިމް ނުކޮށް ރޯދައިގެ ފުރިހަމަ ޘަވާބެއް ނުލިބޭނެއެވެ. ޖަމާޢަތުގައި ނަމާދު ކުރެވޭނެ ގޮތް ހޯދުމަކީވެސް އެދެވިގެންވާ ކަމެކެވެ.
ރަމަޟާން ތާވަލެއް ހެދުން: ރަމަޟާން މަހުގެ ކޮންމެ ދުވަހެއް ކިހިނެއް ހޭދަކުރާނެކަން މިހާރުއްސުރެ ރާވައިލެވިދާނެއެވެ. ފަތިސް ނަމާދަށް ފަހު ކުރާނެކަމެއް، މެންދުރުފަހު ކިޔެވުމެއް، ޢަޞްރު ފަހުން ދުޢާ ކުރުމެއް، މިހެން ގޮސް މުޅި ދުވަސް ރޭވިފައި އޮތުމީ ވަގުތު ބޭކާރުވިޔަ ނުދިނުމަށް އެޅޭނެ މުހިންމުފިޔަވަޅެކެވެ.
ރަނގަޅު އެކުވެރިން ހޯދުން: މީހާ ވައްތަރުވާނީ އެ މީހެއްގެ އެކުވެރިންނާއެވެ. ފާފައިގެ މަގުތަކަށް ގެންދާ އެކުވެރިންނާ ދުރުވެ ހެޔޮ ކަންކަމަށް ބާރުއަޅާ، އެކުގައި އަޅުކަން ކުރެވޭނެ އެކުވެރިން ހޯދުމީ މުހިންމު ކަމެކެވެ. ތަރާވީޙު ނަމާދަށް އެކީ ދެވޭނެ ރައްޓެހިންނާ ގުޅުން ބަދެހި ކުރުމީ ރަމަޟާން މަހުގެ ފައިދާ އިތުރުކޮށްދޭނެ ކަމެކެވެ.
ޒުވާންކަމަކީ ދެން އެނބުރި ނާންނާނެ ވަގުތެކެވެ. މި ޒުވާންކަން ﷲގެ ކިޔަމަންތެރިކަމުގައި ހޭދަ ކުރެވިއްޖެ ނަމަ އެއީ އެންމެ ނަސީބުވެރީންނެވެ. ކޮންމެ ރަމަޟާން މަހަކީ ފަހު ރަމަޟާން ކަމުގައި ވެދާނެކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ.
މި ރަމަޟާން މަހަކީ ޙަޔާތް ބަދަލުކޮށްލާ މައްްސަރަކަށް ހެދުމީ ކޮންމެ ޒުވާނެއްގެވެސް އަމާޒަކަށް ވާންވާނެއެވެ. ފާއިތުވީ ރަމަޟާންތަކުގައި ކުރެވުނު ކަންކަމާ މެދު ދެރަވެ ތައުބާވެ، މި ފަހަރު ތަފާތުކޮށްލުމުގެ ޢަޒުމް ކަނޑައެޅުން މުހިންމެވެ.
ﷲގެ ރަޙްމަތް ތަނަވަސްވެގެންވެއެވެ. ތައުބާގެ ދޮރު ހުޅުވިފައިވެއެވެ. ﷲގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވުމަށް މާ ލަސްވެފައެއް ނުވެއެވެ. ހިތް ޚާލިޞް ކޮށް، ޢަޒުމް ވަރުގަދަކޮށް، މި ރަމަޟާނަށް ތައްޔާރުވުމީ ކޮންމެ މުސްލިމެއްގެވެސް ޒިންމާއެކެވެ.






ރިއެކްޓް