ރަޙިމުގެ ގުޅުން ދަމަހައްޓާ މީހަކީ ގުޅުން ކެނޑޭ ހިނދު، އެ ގުޅުން ދަމަހައްޓާމީހާ: އީދު ހުތުބާ
ރަޙިމުގެ ގުޅުން ދަމަހައްޓާ މީހަކީ ގުޅުން ކެނޑޭ ހިނދު، އެ ގުޅުން ދަމަހައްޓާމީހާކަމަށް މިއަދުގެ ޢީދު ޚުތުބާގައި ބުނެފިއެވެ. މިއަދު މުޅި އިސްލާމީ އުންމަތް ފިޠުރުޢީދުގެ އުފާ ފާޅުކުރަމުންދާއިރު، މިއީ މާތް ﷲ ދެއްވި ހިދާޔަތަށްޓަކައި ޝުކުރުވެރިވެ، ތަކުބީރުގެ އަޑު އުފުލައި، އުފާފާޅުކުރަންވީ ދުވަސްކަމަށާއި. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ޙަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވެ، އެކަކު އަނެކަކަށް އަޅާލައި، އެކުވެރިކަން އާލާކުރުމަށްވެސް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ.
އިންސާނާ އެންމެ ފުރަތަމަ އަދާކުރަންޖެހޭ ޙައްޤަކީ މާތް ﷲގެ ޙައްޤުތައްކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން ކަމަށެވެ. އަދި އޭގެ ފަހުން މައިންބަފައިންގެ ޙައްޤުތަކާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް އިސްލާމްދީން ބާރުއަޅާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރަޙިމުގެ ގުޅުމާ ބެހޭގޮތުން ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވަނީ، "ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާއީ، އޭނާއަށް ދޭ އެއްޗަކަށް ބަދަލުދޭ މީހާއެއް ނޫނެވެ. އެކަމަކު އެ ގުޅުން ދަމަހައްޓާ މީހާއީ އޭނާގެ ރަޙިމުގެ ގުޅުން ކެނޑޭ ހިނދު، އެ ގުޅުން ދަމަހައްޓާމީހާއެވެ."
ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކުގައި ހިފަހައްޓައި، އިސްލާމީ ސަގާފަތާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ. އަދި ފިޠުރު ޒަކާތަކީ މުއްސަނދިންނާއި ފަޤީރުން ޢީދުގެ އުފަލުގައި ބައިވެރިކުރުވުމަށްޓަކައި ޝަރުޢުކުރައްވާފައިވާ ކަމެއްކަންވެސް ހަނދާންކޮށްދެއްވިއެވެ.
ރަމަޟާން މަހަކީ އަޅުކަމުގެ ތަރުބިއްޔަތު ލިބިގަންނަ މަދަރުސާއެއްގެ ގޮތުގައި ސިފަކުރައްވައި، ރޯދަމަސް ނިމިގެން ދިޔަ ނަމަވެސް، އެ މަހުގައި ކުރި އަޅުކަންތަކާއި ނަމާދުތައް މަތީ ދެމިތިބުމަކީ މުހިންމު ކަމެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މީގެ އިތުރުން، އެހެން މުސްލިމުންނަށް އެހީތެރިވެ، އައިބުތައް ފޮރުވައިދީ، އަނިޔާވެރިނުވުމަކީ އިސްލާމްދީނުގެ މުހިންމު އުޞޫލެއްކަން ފާހަގަކުރެއްވިއެވެ.
ޤައުމެއްގެ އަމާންކަމާއި ފުދުންތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އަމާންކަން ނެތް ތަނެއްގައި ހަމަޖެހުމެއް ނޯންނާނެތީ، ޤައުމުގެ ޞުލްޙަ މަސަލަސްކަމަށް މަސައްކަތްކުރުމަކީ އެންމެންގެ ވާޖިބެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ މުޅި އަހަރު ދުވަހު ރޯދަހިފުމުގެ ދަވާބު ލިބޭނެ ކަމެއްކަން ހަނދާންކޮށްދެމުން ޚުޠުބާ ނިންމާލެއްވިއެވެ.






ރިއެކްޓް