ދީން , ޚަބަރު

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

14 މާރިޗު 2026 - 12:07
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަތުމުގެ ފުރުސަތު މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، ގޮވާމުން ޒަކާތް ދައްކަން ޖެހޭނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މާލޭ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ސެންޓަ ފޯ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ.

ޒަކާތް ބަލައިގަންނަ ގަޑިތައް

ޒަކާތު ހައުސްއިން ކަނޑައަޅާފައިވާ ތާވަލުގައިވާ ގޮތުން ގޮވާމުން ޒަކާތް ބަލައިގަންނާނީ ތިރީގައިވާ ގަޑިތަކުގައެވެ:

  • މި މަހުގެ 14 އަދި 15 ވަނަ ދުވަހު: ހެނދުނު 10:00 އިން މެންދުރު 12:00 އަށް.
  • މި މަހުގެ 16 އަދި 18 ވަނަ ދުވަހު: ހެނދުނު 10:00 އިން މެންދުރު 12:00 އަށް، އަދި މެންދުރުފަހު 13:00 އިން 15:00 އަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ތަކެތީގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހުދު ހަނޑޫ، ރަތް ހަނޑޫ، ބަސްމަތީގެ ތަފާތު ބާވަތްތަކުގެ ހަނޑޫ އަދި އާދައިގެ ފުށާއި އާޓާ ފުށް ހިމެނެއެވެ. ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބު، ދީނުގެ އެއް ރުކުނެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0