ދީން , ސިޔާސީ , ޚަބަރު

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ކުރާ ހެޔޮ އަމަލުގެ ޘަވާބު ޖިހާދުކުރުމަށްވުރެ ބޮޑުވެގެންވޭ: ހުތުބާ

15 މޭ 2026 - 13:35
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ކުރާ ހެޔޮ އަމަލުގެ ޘަވާބު ޖިހާދުކުރުމަށްވުރެ ބޮޑުވެގެންވޭ: ހުތުބާ

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މުޅި އަހަރު ދުވަހުގެ ތެރޭގައި ވެސް ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތައް ކަމަށާއި، މި ދުވަސްތަކުގައި ކުރާ ސާލިހު އަމަލުތަކަކީ މާތް ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އަމަލުތައް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. 

ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި މި ދުވަސްތަކުގައި ކުރާ ހެޔޮ ޢަމަލުގެ ޘަވާބު ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ބޮޑުވެގެންވެއެވެ. 

މި ދުވަސް ތަކުގައި ހެޔޮ އަމަލު ކުރުމުގެ މުހިންމު ކަމާއި މެދު ކީރިތި ރަސޫލާ ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "މި ދިހަ ދުވަހަށްވުރެ، ގެ ޙަޟްރަތުގައި ޞާލިޙު ޢަމަލު ކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ." އަޞްޙާބުބޭކަލުން ދެންނެވިއެވެ. ގެ ރަސޫލާއެވެ! ގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް ބޮޑަށްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މާތް ގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. ޖިހާދުކުރުމަށް ޓަކައި އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ." މާނައީ ފުރާނަޔާ މުދާވެސް ﷲގެ މަގުގައި ދޫކޮށްލެވުނު މީހާއެވެ. 

ކީރިތި ޤުރްއާނުގެ ފަޖުރު ސޫރަތުގައި މާތް ﷲ ގަންދެއްވައި ވަޙީކުރައްވާފައިވާ ދިހަ ރެއަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ރޭ ކަމަށް މުފައްސިރުން ބަޔާންކުރައްވައެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، "މި ދިހަ ދުވަހަށްވުރެ، ﷲ ގެ ޙަޟްރަތުގައި ޞާލިޙު ޢަމަލު ކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ." މި ދުވަސްތަކުގެ މާތްކަން ބޮޑުވަނީ ނަމާދާއި، ރޯދައާއި، ޞަދަޤާތާއި ޙައްޖުގެ މަތިވެރި އަޅުކަން މި ދުވަސްތަކުގައި ޖަމާވާތީ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ގިނަގިނައިން ތަކުބީރާއި، ތަސްބީހައާއި، ތަހުމީދު ކިޔައި ﷲ ހަނދުމަކުރުން އިތުރުކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ހާއްސަކޮށް ޙައްޖު މަހުގެ ނުވަވަނަ ދުވަހު (ޢަރަފާތް ދުވަހު) ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވައިދޭނޭ ކަމެއް ކަމަށް ޙަދީޘްފުޅުތަކުން އެނގެއެވެ. މީގެ އިތުރުން ތެދުވެރި ތައުބާއަކުން ތައުބާވުމާއި، ގިނަގިނައިން ސަދަޤާތް ދިނުމާއި، ކީރިތި ޤުރްއާން ކިޔެވުމަކީ މި ދުވަސްވަރު ކުރުން ވަރަށް މުހިންމު ކަންކަމެވެ.

މި ދުވަސްވަރު ކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރޭގައި ޙައްޖުގެ އަޅުކަން އަދާކުރުމާއި އުޟުހިޔާ ކަތިލުން ހިމެނެއެވެ. އީދު ނަމާދަށްފަހު އުޟުހިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

ހުތުބާ ނިންމާލަމުން ވަނީ މި މަތިވެރި ދުވަސްތަކުގައި ފާފަތަކާއި، ނެތިމޮށުމާއި، ފިތުނަ ފަސާދަ ފަދަ ނުބައި ކަންކަމުން ދުރުހެލިވެ، ﷲގެ ރަޙުމަތަށް އެދި ހެޔޮ ޢަމަލުތަކުގައި ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް ގޮވާލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0