ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި ފާފަކުރުމުގެ ނުބައިކަން ބޮޑުވެގެންވޭ: ހުތުބާ
މާތް ﷲ ގެ ޙިކުމަތްވަންތަކަމުން އަހަރުގެ ބާރަ މަހުގެ ތެރެއިން ހަތަރު މަހެއް ޙުރުމަތްތެރި ކުރައްވައިފައިވާކަން ފާހަގަކޮށް، އެ މަސްތަކުގައި ފާފަކުރުމުގެ ނުބައިކަން ބޮޑުވެގެންވާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. ޙުރުމަތްތެރިވެގެންވާ ހަތަރު މަހަކީ ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބު މަހެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސްތަކަކީ އަޅުތަކުން ﷲ އަށް ކުއްތަންވެ، އެކަލާނގެ ޝިޢާރުތައް މަތިވެރިކުރުމަށް ދެއްވައިފައިވާ ޚާއްޞަ ވަގުތުތަކެކެވެ. އެހެންކަމުން މިފަދަ މަތިވެރި މައްސަރެއްގައި ފާފައަކަށް އަރައިގަތުމަކީ ﷲ މަތިވެރިކުރެއްވި ކަންކަމުގެ ޙުރުމަތް ކެނޑުން ކަމުގައިވާތީ، އެކަމުގެ ނުބައިކަން އެހެން މަސްތަކަށްވުރެ ބޮޑުވެގެންވެއެވެ.
ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ފާފަކުރުމުގެ ނުބައިކަން ބޮޑުވާ ފަދައިން، މި މަސްތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު ވެސް އިތުރުވެގެންވާކަން ހުތުބާގައި ފާހަގަކުރިއެވެ. މިއީ މުސްލިމުންނަށް ލިބޭ ރަންގަނޑެއް ފަދަ ފުރުޞަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މި މަތިވެރި މައްސަރުތަކުގައި މުއުމިނުންގެ މައްޗަށް އޮތީ އަޅުކަމުގައި ހީވާގިވުމެވެ. އެގޮތުން ޛިކުރުކުރުމާއި، ދުޢާކުރުމާއި، ޤުރުއާން ކިޔެވުމާއި، ރޯދަހިފުމާއި، އަދި ޞަދަޤާތްކުރުންފަދަ ކަންކަން ގިނަކުރުމަށް ހުތުބާގައި ވަނީ އިރުޝާދު ދީފައެވެ.
އަޅުކަންތައް އިތުރުކުރުމުގެ އިތުރުން، ހިތުގެ އިޚުލާޞްތެރިކަން އިތުރުކޮށް، ޣީބަބުނުމާއި ދޮގުހެދުން ފަދަ ނުބައި ކަންކަމުން ދުރުހެލިވުމަކީ ބާއްޖަވެރިކަން ލިބޭނޭ މަގެއް ކަމުގައި ހުތުބާގައި ބުންޏެވެ. ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުރިހާ މުސްލިމުންނަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ.






ރިއެކްޓް