ޢާޝޫރާ ދުވަހަކީ މާތްކަމާއި ޢިބުރަތްތެރި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް: ހުތުބާ
މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި، ޢިބުރަތްތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ.
މިއަދުގެ ހުތުބާގެ މައުލޫއަކީ ޢާޝޫރާ ދުވަހެވެ. ޢާޝޫރާ ދުވަހަކީ ފިރުޢައުނުގެ އަނިޔާވެރިކަމުން މޫސާގެފާނާއި އެ ކަލޭގެފާނަށް ތަބާވީ މީހުން މާތް الله ސަލާމަތްކޮށްދެއްވި މަތިވެރި ދުވަހެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި، ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ކަނޑަށް ޣަރަޤުކުރެއްވީ ޢާޝޫރާ ދުވަހުއެވެ. މި ފަދަ ޙާދިސާތަކުން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމާއި، އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީ ކަމެވެ.
މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "ދެން ތިމަންރަސްކަލާނގެ رسولންނާއި، إيمانވީ މީހުން ސަލާމަތްކުރައްވަމެވެ. ހަމައެފަދައިން، މުއުމިނުން ދިންނަވައި ސަލާމަތްކެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް ޙައްޤެކެވެ."
ރަސޫލު الله ﷺ މަދީނާއަށް ވަޑައިގެންނެވި އިރު، ޔަހޫދީން އެ ދުވަހު ރޯދަހިފާތީ ފެނިވަޑައިގެން އެކަމާ ސުވާލުކުރެއްވިއެވެ. އެއީ މޫސާގެފާނު ސަލާމަތްކުރެއްވި ދުވަސްކަން އެނގިވަޑައިގަތުމުން، އެކަލޭގެފާނު ޙަދީޘްކުރެއްވީ "މޫސާގެފާނަށް ޓަކައި ތިޔަބައިމީހުންނަށް ވުރެ އެ ކަންކުރުން ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ." މިހެންނެވެ. މިހެން ޙަދީޘްކުރައްވައި އެކަލޭގެފާނު އެ ދުވަހު ރޯދަފުޅުހިއްޕަވައި މީސްތަކުންނަށް އެ ދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިއެވެ. އެހެންކަމުން ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ސުންނަތެކެވެ. މި ރޯދައިގެ ސަވާބާ ބެހޭގޮތުން ޙަދީޘްކުރައްވާފައިވަނީ، އެއީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމަށެވެ.
ޢާޝޫރާ ދުވަހާ ގުޅުވައިގެން ދީނުގައި ނެތް ބިދުޢަތަކާއި، ހިތާމަފާޅުކުރުމުގެ ގޮތުން ކުރާ ދީނާ ޚިލާފު ކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އިބުނު ތައިމިއްޔާ ވިދާޅުވެފައިވާ ގޮތުގައި، ޙުސައިނުގެފާނު ޝަހީދުވުމާ ގުޅިގެން މީސްތަކުން ވަނީ ދީނުގެ އަޞްލު އޮޅޭ ފަދަ ބިދުޢަތައް އީޖާދުކޮށްފައެވެ. އެހެންކަމުން، ރަސޫލާ ﷺ އެންގެވި ފަދައިން ރޯދަހިފައި މާތް اللهގެ ޙަޟުރަތާ ކުއްތަންވުމަށް މަސައްކަތް ކުރުމަށް މިއަދުގެ ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.






ރިއެކްޓް