ޔަޤީންވެގެންވާ މަރު ބައްދަލުކޮށްފުމަށް ދާންދެން ހެޔޮޢަމަލު ކުރުންމަތީ ދެމިތިބޭށެވެ: ޚުޠުބާ
ރަމަޟާންމަސް އަލްވަދާޢު ކިޔަމުންދާއިރު، ހެޔޮ ޢަމަލުކުރުމަކީ ވަކި މޫސުމަކަށް އޮތް ކަމެއް ނޫން ކަމަށާއި، މަރު ބައްދަލުކޮށްފުމަށްދާންދެން އަޅުކަންކުރުންމަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.
އަޅުކަން ކުރުމަކީ މާތް ﷲ އިންސާނުންނާއި ޖިންނީން ޚަލްޤުކުރައްވައި، އެކަލާނގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެއްކަން މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، އަޅުކަން ކުރުމަކީ ހަމައެކަނި ރަމަޟާންމަހާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫނެވެ. މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރަން ޖެހޭނެއެވެ. ރަމަޟާންމަހަކީ އަޅުކަން ގިނަކުރުމަށް ލިބުނު ފުރުޞަތެއް ކަމަށާއި، އެ މަސް ނިމުމުން ވެސް އެ ގޮތުގައި ދެމިތިބުމަކީ މުހިންމު ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ."
ރަމަޟާންމަހަށް ފަހު އަންނަ ޝައްވާލު މަހުގެ ހަ ރޯދައިގެ މުހިންމުކަމުގެ މައްޗަށް ވެސް ޚުޠުބާގައި އަލިއަޅުއްވާލެއްވިއެވެ. ރަމަޟާންމަހު ރޯދަހިފައި، އެއާ ވިދިގެން ޝައްވާލު މަހުން ހަ ދުވަހު ރޯދަހިފި މީހާ މުޅި އަހަރު ދުވަހު ރޯދަހިފި ފަދަ ކަމަށް ކައު އިތުރު ރަސޫލާ ޙަދީޘްކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން މި ދީލަތި ނިޢުމަތުގެ ބޭނުން ހިފައި، ހެޔޮ ޢަމަލުކުރުމުގައި އަވަސްވެގަތުމަށް އިރުޝާދު ދެއްވިއެވެ.
ނިމިގެންދާ ރަމަޟާންމަހު ކުރެވުނު ޢަމަލުތަކާ މެދު ވިސްނައި، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމާއި ކޮންމެ ދުވަހަކު ޤުރްއާނުން މިންވަރެއް ކިޔެވުމުގައި ދެމިތިބުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ.
އަދި ކުރެވޭ ހެޔޮ ޢަމަލުތަކާ މެދު ބޮޑާވެ ފަޚުރުވެރިނުވުމަށާއި، އެ ޢަމަލުތަކަކީ ގިނަ ޢަމަލުތަކެއް ކަމުގައި ނުދެކުމަށް ވެސް ގޮވާލެއްވިއެވެ. އެފަދަ ބޮޑާކަމުގެ ސަބަބުން ޢަމަލުތައް ބާޠިލުވެދާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.
ޚުޠުބާ ނިންމަވާލެއްވީ، މުސްލިމުންގެ އެންމެ ފަހުގެ މަންޒިލަކީ ސުވަރުގެކަން ހަނދާންކޮށްދެއްވަމުންނެވެ. އެތަނަކީ އުފާވެރިކަމާއި ނިޢުމަތްތައް އަބަދަށް ދެމިގެންވާ ތަން ކަމަށާއި، އެ މަތިވެރި ނަސީބު ލިބޭނީ ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭ މީހުންނަށް ކަމުގައި ޚުޠުބާގައި ބަޔާންކުރެއްވިއެވެ.






ރިއެކްޓް