މީހެއްގެ މުދަލަށް ވުރެ ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު: ހުތުބާ
މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ދައުލަތާއި ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"އަމާނާތްތަކަށް ރައްކާތެރިވުން" މި މައުލޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވަނީ އަމާނާތްތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި، އަމާނާތަކީ ހަމައެކަނި މީހުން ރައްކާކުރަންދޭ މުދަލެއް ނޫނެވެ. އޭގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި، މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ޙަވާލުކުރެވިފައިވާ ހުރިހައި ކަމެއް ހިމެނެއެވެ. މީގެ ތެރޭގައި ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ދަރަނި އަދާކުރުމާއި، މިނެކިރުމުގައި ޢަދުލުވެރިވުން ފަދަ ކަންކަން ހިމެނޭ ކަމަށް އިބްނު މައްސޫދުގެ ބަސްފުޅަކާ ހަވާލާދީ ހުތުބާގައި ފާހަގަކުރިއެވެ.
މާތް الله އިންސާނާއަށް ދެއްވާފައިވާ ލޮލާއި، ކަންފަތާއި، ދުލަކީ އަމާނާތްތަކެއް ކަމަށާއި، އެ ގުނަވަންތަކުން ޙަރާމް ކަންކަން ކުރުމުން ދުރުހެލިވާން ޖެހޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. ހަމައެފަދައިން، ދަރިންނަކީ ވެސް އަމާނާތެއް ކަމަށާއި، އެ ކުދިންނަށް ހެޔޮ ތަރުބިޔަތު ނުދީފި ނަމަ އެއީ އަމާނާތަށް ޚިޔާނާތްތެރިވުން ކަމުގައި ބަޔާންކުރިއެވެ.
އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ސިފައެއް ކަމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގެން އޮތްކަން ވެސް ހުތުބާގައި ހަނދާންކޮށްދިނެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. "ހަތަރު ސިފައެއް މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ، އޭނާއަކީ ކަނޑައެޅިގެން ހުރި މުނާފިޤެކެވެ. އަދި އެ ސިފަތަކުގެ ތެރެއިން ސިފައެއް މީހެއްގެ ކިބައިގައި ހުރެ، އެ ސިފައިން ދުރުހެލި ނުވާހައި ހިނދަކު، އެ މީހަކީ ނިފާޤުކަމުގެ ސިފަހުރި މީހެކެވެ. އޭނާއާ އަމާނާތެއް ޙަވާލުކުރެވިއްޖެ ނަމަ އެއަށް ޚިޔާނާތްތެރިވާނެއެވެ. އަދިވާހަކައެއްދައްކައިފި ނަމަ ދޮގުހަދާނެއެވެ. އަދި ޢަހުދެއްކޮށްފި ނަމަ އެއާ ޚިލާފުވާނެއެވެ. އަދި އަރައިރުމެއް ވެއްޖެ ނަމަ، ދޮގުހަދައި ހައްޤުމަގުން އެއްކިބާވާނެއެވެ." މި ޙަދީޘުން އެކަނިވެސް އަމާނާތްތެރި ކަމުގެ މުހިންމުކަން ހާމަވެއެވެ.
ދައުލަތާއި ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ، އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށް ވާތީ އެކަމުގެ ފާފަ މާ ބޮޑުވާނެ ކަމަށެވެ. އަދި އަދާކުރާ ވަޒީފާއާއި ވަޒީފާގެ ވަގުތަކީ ވެސް އަމާނާތެއް ކަމަށާއި، މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރުމަކީ އަމާނާތަށް ވެވޭ ޚިޔާނާތެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މީހުން ސިއްރުން ދައްކާ ވާހަކަތަކަކީ ވެސް ރައްކާތެރިކުރަންޖެހޭ އަމާނާތްތަކެއް ކަމުގައި ބަޔާންކުރިއެވެ. ހުތުބާގައި ވަނީ ސިއްރުން ދައްކާ ވާހަކައާއި ގުޅޭ މާތް ނަބިއްޔާގެ ޙަދީޘްފުޅެއް ބަޔާން ކޮށްފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. "މީހަކު ވާހަކައެއް ދެއްކުމަށް ފަހު، އެ ވާހަކައެއް އަޑު އިވޭ ފަށުގައި މީހަކު ހުރިތޯ ދެ ފަރާތަށް ބަލައިލައިފި ނަމަ، ނުވަތަ އެ ދެމީހުން އެ ތަން ދޫކޮށް ހިނގައްޖެ ނަމަ، ފަހެ އެ ވާހަކައަކީ އަމާނާތެކެވެ."
ހުތުބާ ނިންމާލަމުން ވަނީ، އަމާނާތްތަކަށް ރައްކާތެރިވުމަކީ ސުވަރުގެ ލިބުމުގެ ސަބަބެއް ކަމަށާއި، އެކަމުގެ ސަބަބުން މުޖުތަމަޢުގައި އަމާންކަމާއި އިތުބާރު އުފެދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ތިމާވެއްޓާއި ޤުދުރަތީ ވަސީލަތްތަކަކީ ވެސް އަންނާން އޮތް ޖީލުތަކަށްޓަކައި ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށް ދަނެ، އެ ތަކެއްޗަށް ރައްކާތެރިވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.






ރިއެކްޓް