އުނދަގޫކަމާއެކު ގުރުއާން ކިޔަވާ މީހުންނަށްވެސް ބޮޑުވެގެންވާ ދަރުމަ ލިބޭނެ: ހުތުބާ
ކީރިތި ޤުރްއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް އަދި އެ ފޮތް ކިޔެވުމުގައި ފަރިތަ މީހުންނާއި، އުނދަގޫކަމާއި އެކު އަޅައިގަންނަމުން ވިޔަސް ކިޔަވާ މީހުންނަށް ވެސް މާތް ﷲގެ ޙަޟުރަތުން ބޮޑުވެގެންވާ ދަރުމަ ލިބޭނެކަން ފޮތެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބަޔާންކޮށްފިއެވެ.
"ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ، ޤުރްއާނަކީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމަށާއި، އެއީ ހުރިހާ ކާމިޔާބީއެއްގެ ސިއްރު ކަމަށެވެ.
ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހަށިގަނޑަށާއި، ރޫޙަށާއި، ހިތަށް ނުހަނު ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެއްކަން ފާހަގަކުރަމުން، ހުރިހާ ހެޔޮކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމާއި އެ ފޮތް މަތިވެރިކުރުމުގައި ކަމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި ކީރިތި ޤުރްއާން ކިޔަވައި އެއަށް އަމަލުކުރާ މީހާއަށް ޤިޔާމަތް ދުވަހު އެ ފޮތް ޝަފާޢަތްތެރިވާނެކަން ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ޤުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ޘަވާބު ލިބޭނެކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގެން އޮތްކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، "މާތް ﷲގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށް، އެ ކަމުގެ ސަބަބުން ހެޔޮ ކަމެއް ވެއެވެ. އަދި ކޮންމެ ހެޔޮ ކަމެއް ދިހަ ގުނައަށް އިތުރުވެގެންވެއެވެ،" މިފަދައިންނެވެ.
ޤުރްއާން ތިލާވަތުކުރުމަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަސްލުކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، މިއީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ ބަލިތަކަށް އޮތް ޝިފާއެއް ކަމަށެވެ. އިމާމް އިބްނުލް ޤައްޔިމްގެ ބަސްފުޅަކާ ހަވާލާދީ ޚުތުބާގައި ބުނީ، ހަށިގަނޑަށް ލިބޭ ބާރަކީ ހިތުގެ ވަރުގަދަކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ހިތުގެ ބާރުގަދަވީ ވަރަކަށް ހަށިގަނޑުގެ ބާރާއި ދިރުން ވެސް އިތުރުވާނެ ކަމަށެވެ.
ކީރިތި ޤުރްއާން ތިލާވަތުކޮށް، އޭގެ މާނަތަކާ މެދު ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގެން، އެބައިމީހުންނަށްޓަކައި ހެޔޮ ދުޢާކުރައްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. މީގެ އިތުރުން، މިފަދަ މީހުން ޝައިޠާނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވައި، މާތް ﷲގެ ތަނަވަސްވެގެންވާ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެކަލާނގެ މިންވަރުކުރައްވާނެކަން ވެސް ޚުތުބާގައި ފާހަގަކުރިއެވެ.






ރިއެކްޓް