ވިޔަފާރި

ޚިދުމަތްދިނުން ނުފެށި އުޅެނިކޮށް ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި

5 ޖުލައި 2026 - 12:40
ޚިދުމަތްދިނުން ނުފެށި އުޅެނިކޮށް ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި
ފޮޓޯ: ރައީސް އޮފީސް

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް) ގެ ޚިދުމަތް ދިވެހިންނަށް ލިބެން ފެށުމުގެ ކުރިން އެ ބޭންކުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ ގޫނަތިލަކަ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި. ޑިވެލޮޕްމަންޓް ބޭންކުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަރޫނީ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމެވި ވަކި ސަބަބެއް މިހާތަނަށް އެއްވެސް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ބޭނުންވާ ބޮޑެތި މަޝްރޫއުތަކަށް ފަންޑު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް މި ބޭންކު ރަސްމީކޮށް ހުޅުވާފައިވަނީ ނޮވެމްބަރު 16، 2024 ގައެވެ. އެހެންނަމަވެސް، ބޭންކު އުފެއްދިތާ ގާތްގަނޑަކަށް ދެ އަހަރުވާން ކައިރިވެފައިވާއިރު، ބޭންކުގެ ފަރާތުން އެއްވެސް ލޯނެއް ދޫކުރުމުގެ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ.

މަގާމުން އިސްތިއުފާ ދެއްވި އަރޫނީއަކީ ބައިނަލްއަގުވާމީ މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ހާވަޑް ޔުނިވަރސިޓީން މާސްޓަ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެއްގެ އިތުރުން، ބިޒްނަސް އޮރިޖިނޭޝަން، ގަވަނަންސް، އަދި ކްރެޑިޓް ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ސްރީލަންކާގެ ބޭންކުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައި މިވަނީ، ބޭންކުގެ އޮޕަރޭޝަންތައް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0