ޚަބަރު

ތިލަފުށީގައި ޕްލާސްޓިކް ރީސައިކަލް ކުރާ ސެންޓަރެއް ހަދަނީ

7 މޭ 2026 - 16:00
ތިލަފުށީގައި ޕްލާސްޓިކް ރީސައިކަލް ކުރާ ސެންޓަރެއް ހަދަނީ
ފޮޓޯ: އެންވަޔަންމެންޓް މިނިސްޓްރީ

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީގައި މުހިންމު ކުރިއެރުމެއް ހޯދައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ ޕްލާސްޓިކް ފުޅި ރީސައިކަލް ކުރާ ސެންޓަރުގެ ބިންގާ އިއްޔެ އަޅައިފިއެވެ. ތިލަފުށީގައި ގާއިމްކުރާ 'މޯޕާސައިކަލް' ޕެޓް ފްލޭކިން އެންޑް ވޮޝިން ލައިން ފެސިލިޓީއަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފާއި، މޯޕާގެ ބާނީ ތޯރިގް އިބްރާހިމްގެ އިތުރުން އެ ޖަމިއްޔާގެ ރައީސް އަހުމަދު މައުމޫނެވެ. މި މަސައްކަތުގައި މޯޕާއަށް އެހީތެރިކަން ފޯރުކޮށްދެނީ ވެމްކޯ، އެޗްޑީސީ، މޯލްޑިވްސް އެރޭޓަޑް ވޯޓާ ކޮމްޕެނީ އަދި ދަ ކޮކާ-ކޯލާ ފައުންޑޭޝަނުންނެވެ.

ކުރިއަށް އޮތް 9 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒުކޮށްފައިވާ މި ފެސިލިޓީއަކީ 5،000 އަކަފޫޓުގެ ބޮޑު ސަރަހައްދެކެވެ. މި ސެންޓަރުގައި ޕްލާސްޓިކް ފުޅި އެއްކުރުމާއި، އޭގެ ލޭބަލް އަދި މަތި ނެގުމާއި، ފްލޭކް ކުރުމުގެ އިތުރުން ހޫނު އަދި ފިނި ފެނުން ދޮވެ ހިއްކުމުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރެވޭނެއެވެ. އަދި ބޭނުންކުރާ ފެނުގައި ހުންނަ މައިކްރޯ ޕްލާސްޓިކްތައް ނައްތާލުމަށްޓަކައި ފެން ސާފުކުރާ އީޓީޕީ ނިޒާމެއްވެސް މި ފެސިލިޓީގައި ހިމެނެއެވެ.

މި މަސައްކަތް ނިމުމުން، ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން ފޭރާން އުފައްދާ ފައިބަރާއި އެހެނިހެން ތަކެތި އުފެއްދުމަށް ބޭނުންވާ ރޯ މެޓީރިއަލް ރާއްޖޭގައި އުފެއްދުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދަށާއި ތިމާވެއްޓަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި މޯޕާއިން ފާހަގަކުރެއެވެ.

މޯޕާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވީ، މި ފެސިލިޓީގެ ސަބަބުން ރާއްޖޭގައި ޕްލާސްޓިކް ފުޅި އެއްކޮށް، ރީސައިކަލް ކުރުމަށް ބޭރުކުރާ މިންވަރު ތިން ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ. "ޕެޓްއަކީ ހަމައެކަނި ކުނީގެ ގޮތުގައި ބަލައިގެން ނުވާނެ. ރަނގަޅު ނިޒާމެއްގެ ތެރެއިން މިއީ އިގްތިސާދީ ގޮތުން ފައިދާހުރި، ތިމާވެއްޓާ ރައްޓެހި ވަސީލަތަކަށް ހެދިދާނެ،" މައުމޫން ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0