ޚަބަރު

ގާ ހުދުވާތީ ބިން ހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލަން އެދިއްޖެ

13 އޭޕްރީލް 2026 - 19:57
ގާ ހުދުވާތީ ބިން ހިއްކުމުގެ މަޝްރޫއުތައް މެދުކަނޑާލަން އެދިއްޖެ

ހޫނުގަދަވެ، ރާއްޖޭގެ ފަރުތަކުގެ ގަލާއި މުރަކަ ހުދުވުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު އޮތުމުން، ސަރުކާރުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކާއި ގުޅުން ހުރި އެ ފަދަ މަސައްކަތްތައް މެދުކަނޑާލުމަށް، މޯލްޑިވްސް ރިސިލިއެންޓް ރީފްސް (އެމްއާރުއާރު) އިން އެދިއްޖެ އެވެ.

އެ ޖަމިއްޔާއިން ބުނީ ކުރިއަށް އޮތް 12 ހަފުތާގެ ތެރޭގައި މި ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް ކަމާ ގުޅޭ ފަރާތްތަކުން ލަފާކުރާ ކަމަށެވެ.

އެމްއާރުއާރުން މިއަދު ބުނި ގޮތުގައި، ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވެދާނެތީ ސަމާލުވުމަށް 'ނޯއާ ކޮރަލް ރީފް ވޮޗު'ން ވަނީ މީގެ ދެ ދުވަސް ކުރިން އެލާޓް ނެރެފަ އެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި މި ހާލަތު އިތުރަށް ގޯސްވެ، އެލާޓް ލެވެލް-1 އަށް ގިންތި ކުރެވިދާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.

ކަނޑުގެ ފިނިހޫނުމިން މަތިވެ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވާތީ، ބިން ހިއްކުމާއި ގުޅުން ހުރި ތަރައްގީގެ މަޝްރޫއުތައް 2024 ވަނަ އަހަރުގެ ތެރޭގައި ވެސް މެދުކަނޑާލާފައިވެ އެވެ. ސަރުކާރުން އޭރު މަސައްކަތްތައް މެދުކަނޑާލީ ހާލަތު ގޯސްވެ އެލާޓް ލެވެލް-1 އަށް އެރުމާ ގުޅިގެންނެވެ.

އެމްއާރުއާރުން ވަނީ މި ހާލަތުން ފަރުތައް ސަލާމަތް ކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފަ އެވެ. އޭގެ ތެރޭގައި، ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އާދައިގެ މިންވަރަކަށް ރުޖޫއަވަންދެން ވެލިނެގުމާއި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް ވަގުތުން ހުއްޓާލުމަށް ވަނީ އެދިފަ އެވެ. "ވެލިނެގުމާއި ބިން ހިއްކުމުން ކަނޑުގެ ސަރަހައްދުތައް ކިލަނބުވެ ކިސަޑުވޭ. އޭގެ ސަބަބުން މުރަކަތައް ބަލިކަށިވެފައިވާ މިދަނޑިވަޅު ފަރުތަކުގެ ހާލަތު އިތުރަށް ގޯސްވޭ،" އެ ޖަމިއްޔާއިން ބުންޏެވެ.

މީގެ އިތުރުން، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެލިނެގުމާއި ގޮނޑުދޮށް ބެލެހެއްޓުމުގެ މަސައްކަތްތައް މެދުކަނޑާލުމަށާއި، ކަނޑަށް ދޫކުރާ ނަޖިސްފެން އެކަށީގެންވާ ގޮތަށް ސާފުކުރުމަށް ފަހު ނޫނީ ބޭރު ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފަރުތަކާއި ވަށައިގެންވާ ސަރަހައްދުތައް ބޭނުން ކުރުމުގައި އާއްމުން ވެސް ސަމާލުވުމަށް އެ ޖަމިއްޔާއިން އެދެ އެވެ.

ގާ ހުދުވުމަށް މެދުވެރިވަނީ ގިނަ ދުވަސްތަކެއް ވާންދެން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާހިލާފަށް މަތީގައި ހުރުމުންނެވެ. ހޫނުމިން ދަށްވެއްޖެ ނަމަ މުރަކަތައް އަލުން އިއާދަވުމުގެ ފުރުސަތު އޮތް ނަމަވެސް، ހޫނުގަދަ ދުވަސްތައް ދެމިގެންދާ ނަމަ މުރަކަތައް މަރުވެ، ފަރުތައް މުޅިން ހަލާކުވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0