ބޯހިޔާވަހިކަމަށް އެދި 9500 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި
ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް މިހާތަނަށް 9,500 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޖުމުލަ 9,645 މީހުން ވަނީ ބޯހިޔާވަހިކަމުގެ އެކި ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައެވެ.
މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ކުރިމަތިލާފައިވަނީ ފްލެޓަށެވެ. އެގޮތުން ފްލެޓަށް އެދި 5,993 މީހުން ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި 3,234 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. މީގެ ތެރެއިން އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް އެކަނިވެސް 9,227 ފޯމު ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ "ގޯތި ގެދޮރު" ޕްރޮގްރާމަށް 418 ފޯމު ވަނީ ހުށަހަޅާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފޯމު ފުރުމުގެ މަރުހަލާގައި ނުވަތަ ޑްރާފްޓް މަރުހަލާގައި އިތުރު 13,279 ފޯމު މިވަގުތުވެސް އެބައިން ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިތުރު ދެ ޕްރޮގްރާމަކަށް އޭޕްރިލް މަހުގެ 1 ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން "ގެދޮރުވެރިޔާ" ޕްރޮގްރާމްގެ ދެ ކެޓަގަރީއަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެކެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމަކީ ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، ވަކިން ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ދޭ ފުރުޞަތެކެވެ. އަދި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށްވެސް މި ފުރުސަތުގައި ކުރިމަތިލެވޭނެއެވެ.
ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ ސްކީމްތަކަށްވެސް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ ނިޔަލަށެވެ. މި ސްކީމްތަކުގައި މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންނަށްވެސް ކުރިމަތިލެވޭނެއެވެ. ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ "ބޯހިޔާވަހިކަން" ހައުސިން ޕޯޓަލް މެދުވެރިކޮށެވެ.






ރިއެކްޓް