މީޑިއާ ބިލު ފާސްކުރީ ރައްޔިތުން ކޮންޓްރޯލްކުރަން ކަން ހާމަވެއްޖެ: ފައްޔާޒް
މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން ބިލެއް ފާސްކުރީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ކަން މިއަދު ހާމަވެއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުން ނެރުނު ސިޔާސީ ކާޓުނު ނުފެތުރުމަށް އާންމުންނަށް އެންގި އެންގުމާ ގުޅިގެން, ފައްޔާޒް ވިދާޅުވީ ސޯޝަލް މީޑިއާއަށް ގާނޫނު ނުހިނގާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހެދީ ދޮގުކަން ވަރަށް ސާފު ވެގެން ގޮސްފައިވާ ކަމަށެވެ. `````
"ހުރިހާ ހައްގެ ހަނިކުރަމުން ހަނިކުރަމުން ގޮސް މިއަދު އެ ފަށަނީ ހައްގުތައް އެއްކޮށް ނިގުޅައިގަތުމުގެ މަރުހަލާ. އަސާސީ އެއްވެސް ހައްގެއް ހަނިކުރާ ކޮންމެ ގާނޫނެއް އެއީ ބާތިލު ގާނޫނެއް. ކޮންޓްރޯލް ކޮމިޝަނުގެ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އެންގުމަށް ތަބާވާން ނުޖެހޭ." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފޭރިގަންނަމުން އެދަނީ ނުރައްކާތެރި ރޭޓެއްގައި. އެ ގާނޫނަކީ ހުރިހާ ރައްޔިތުން ކޮންޓްރޯލް ކުރުމަށް ފާސްކޮށް އަމަލުކުރަމުންދާ ގާނޫނެއްކަން މިއަދު ހާމަވެގެން ގޮސްފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް ރައްޔިތުން ކޮންޓްރޯލްކުރުމުގެ ބާރު ނޯންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ދައުރުގެ ބާކީ އޮތް ބައިގައި ކޮންމެ ދިވެއްސަކު ދައްކާ ވާހަކަ އާއި، ކުރާ ކަންކަމާއި، ލިޔާ ލިޔުންތަކާއި، ކުރަހާ ކުރެހުންތަކާއި، އަޅާ ކޮންމެ ފިޔަވަޅެއް ކޮންޓްރޯލް ކުރެވޭނެ ކަމަށް ދެކިގެން ނުވާނެ" ފައްޔާޒް ވިދާޅުވިއެވެ.







ރިއެކްޓް