ޚަބަރު

ސިޔާސީ ކާޓޫނު ދައުރު ނުކުރަން ކޮންޓްރޯލް ކޮމިޝަނުން އާންމުންނަށް އަންގައިފި

25 ޖަނަވަރީ 2026 - 16:08
ސިޔާސީ ކާޓޫނު ދައުރު ނުކުރަން ކޮންޓްރޯލް ކޮމިޝަނުން އާންމުންނަށް އަންގައިފި

އަދަދު އޮންލައިނުން ނެރޭ ސިޔާސީ ކާޓޫނުގެ މައްސަލަ ބަލަމުން އަންނާތީ، އެ ކުރެހުން ސޯޝަލް މީޑިއާގައި ދައުރު ނުކުރަން މީޑިއާ ރެގިއުލޭޝަން ކޮމިޝަނުން އާންމުންނަށް އަންގައިފިއެވެ. 

މީޑިއާތަކާއި ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކޮމިޝަނުން މިގޮތަށް އެންގީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 'އަދަދު' ނޫހުން ޖެހި ކާޓޫނުގެ މައްސަލައިގައެވެ. އެ ކާޓުނު ޑިލިޓުކުރުމަށް އަދަދު ނޫހަށް ވެސް އޮތީ އަންގައިފައެވެ. 

އެ ކޮމިޝަނުން މިއަދު ބުނީ  އެ ކޮންޓެންޓަކީ ސޯޝަލް މީޑިއާ އިން ޑިލީޓްކުރަން އަންގާފައިވާ ކޮންޓެންޓަކަށް ވާތީވެ އެ ކޮންޓެންޓް އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް އަންގައި އިއުލާންކުރާ ކަމަށެވެ. 

މި ގޮތަށް ކޮންޓްރޯލް ކޮމިޝަނުން އެންގިއިރު, ކޮންޓްރޯލް ބިލާއެކު ސޯޝަލް މީޑިއާގައި އާންމުން ކުރާ ޕޯސްޓުތައް ކޮންޓްރޯލް ނުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.

ކޮމިޝަނުން އެ ކާޓޫނުގެ މައްސަލަ ބަލަނީ އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. 

މި މައްސަލައިގައި އަދަދު ނޫހުން ވަނީ އިސްލާމްދީނަށް ނުވަތަ ދީނުގެ ޝިއާރަކަށް ތަހުނީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫންކަން ފާހަގަކޮށް، އެ ނާޓޫނުން އެފަދަ ދޭހައެއް ކުރެވޭނެ ހަަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށް ބުނެފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0