ޚަބަރު

24 ގަޑިއިރު ތެރޭގައި ބޯހިޔާވަހިކަމަށް އެދި 500 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި

19 ޖަނަވަރީ 2026 - 11:01
24 ގަޑިއިރު ތެރޭގައި ބޯހިޔާވަހިކަމަށް އެދި 500 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި

ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުޅުވާލި ފުރުސަތުގައި 500 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ. 

ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ ހެނދުނު 09:30ގަ އެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ، މިހާތަނަށް 518 ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ފުލެޓަށް އެދި 399 ހުށަހެޅުމަކާއި ގޯއްޗަށް އެދި 119 ހުށަހެޅުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. 

އާއިލީ ބޯހިޔާވެހިކަމުގެ ޕްރޮގްރާމުގެ ދަށުން ޖުމްލަ 15,000 ބިން އަދި 7,900 ފްލެޓްދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން ބިންތައް ދޫކުރާނީ ރަސްމާލެއިން ކަމަށްވާއިރު، ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. މި ޕްރޮގްރާމުގެ ދަށުން ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ.

ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، މާލޭ ރަށްވެހިންނަށް 10,000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ބިން، އަދި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން ހާއްސަކޮށްފައިވެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން ތަރައްގީކުރަން ދަތިވާ ގޯތިތަކުގެ ވެރިންނަށް 1,500 ބިން ދިނުމަށް ވަނީ ނިންމާފަ އެވެ.

ފްލެޓް ދޫކުރުމުގައި ވެސް މައިގަނޑު ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ މާލޭ ރަށްވެހިންނަށް ހާއްސަ 4,000 ފްލެޓާއި، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ހާއްސަ 1,500 ފްލެޓެވެ. އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2,400 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0