މީޑިއާތަކަށް މާލީ އެހީ ދިނުމުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެމްޖޭއޭއިން ގޮވާލައިފި
ރާއްޖޭގައި ހިންގާ މީޑިއާތަކަށް މާލީ އެހީދިނުމަށް ސަރުކާރުން ގާއިމުކުރި އުސޫލާއި އެ މަސައްކަތާގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށް, އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލައިފިއެވެ.
އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަހަރު ނިމެން ކުޑަތަންވެފައި ވަނިކޮށް، އަވަސް އަރުވާލައިގެން މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ނަމުގައި އުސޫލެއް ހަދައި ދެފުށް ފެންނަ ހާމަކަން ބޮޑު ނޫން އުސޫލެއްގެ ތެރެއިން ރައްޔިތުންގެ ޓެކްސް ފައިސާއިން 39 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދޭން ކުރަމުން ދާ މަސައްކަތް މިވަގުތަށް ހުއްޓާލުމަށެވެ.
އަދި މީޑިއާތަކަށް މާލީ އެހީ ދިނުމަށް އެކުލަވާލާފައިވާ އުސޫލާއި ފައިސާ ދިނުމުގައި ބަލާފައިވާ މިންގަނޑުތައް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ބައްޓަންކޮށް ވީހާވެސް އިންސާފުވެރިކޮށް އެކަން ކުރުމަށް އެމްޖޭއޭގެ ބަޔާނުގައި ގޮވާލާފައިވެއެވެ.
މިގޮތުން މީޑިއާތަކަށް މާލީ އެހީ ދިނުމުގައި ބަލާނެ މިންގަނޑުތަކެއް އެމްޖޭއޭ އިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އާއްމުންގެ މެދުގައި މީޑިއާތަކުގެ މަގުބޫލުކަން ހުރި މިންވަރު ބެލޭނެ ރޭޓިންގ ސިސްޓަމެއް ގާއިމުކުރުމާއި ރާއްޖޭގެ ނޫސްވެރިކަމުގައި މިވަގުތު މަދު އާ ބާވަތްތަކުގެ ނޫސްވެރިކަން ކުރިއަރުވަން ޕްރޮޖެކްޓް ބޭސިސްކޮށް މީޑިއާ ހައުސްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދިނުމާއި އެއްފަހަރާ ގަނޑުކޮށް މީޑިއާތަކަށް ދޭ ފައިސާ ޒިންމާދާރުކަމާ އެކު ބޭނުންކުރާކަން ކަށަވަރުކުރެވޭނެ ގޮތެއް ހޯދުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ މާލީ ހާލަތު ގޯސް ދުވަސްވަރެއްގައި މީޑިއާތަކަށް މާލީއެހީ ދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްތޯވެސް އެމްޖޭއޭގެ ބަޔާނުގައި ވަނީ ސުވަލު އުފއްދާފައެވެ.






ރިއެކްޓް