ޚާރިޖީ ވަޒީރު ސަޢުދީގެ އައު ސަފީރާއި ބައްދަލުކުރައްވައިފި

ސަޢުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ޔަހްޔާ ހަސަން އަލްގަހްޠާނީ އާއި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްގެ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވަނީ ސަފީރު ޔަހްޔާ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާ ގުޅިގެން ތަހުނިޔާ ދަންނަވާފައެވެ. އަދި "ސަފީރުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް" ކަމަށް ވިދާޅުވެފައިވެއެވެ.
ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވަނީ ސަޢުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީއަށް ސަޢުދީ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް ނިމިދިޔަ ހައްޖު މޫސުމުގައި "މައްކާ ރޫޓް" އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާ ގުޅިގެން ސަޢުދީ ސަރުކާރުގެ އިސްވެރިންނަށް ޝުކުރު ދަންނަވާފައިވެއެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ސަޢުދީ އަރަބިއްޔާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިނަލްއަގުވާމީ ބައިވެރިޔާއެވެ. ދެ ގައުމުގެ ދެމެދުގައި ވަރަށް ގިނަ ދާއިރާތަކުން އެއްބާރުލުން ބަދަލުކުރެވެމުންދެއެވެ. ޚާއްޞަކޮށް އިގްތިޞާދީ އަދި ތަރައްގީގެ މަޝްރޫޢުތަކުގައި ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.
ރިއެކްޓް



