ޖޫން މަހު އެކަނިވެސް 5015 މީހުން ހުއްޓުވައި، ފުލުހުން ސުވާލުކުރި
މީގެ ތެރެއިން 4833 މީހުން ކުށުގެ ރެކޯޑް އޮތް

މާލޭ ފްރަންޓްލައިން ޕޮލިހުން ނިމިދޔަ ޖޫން މަހު އެކަނިވެސް 5015 މީހުން ހުއްޓުވައި ސުވާލުކޮށްފައިވާނެ ކަމަށާއި، މީގެ ތެރެއިން 4833 މީހުންގެ ކުށުގެ ރިކޯޑް އޮތްކަމަށް މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާޓްމަންޓްތަކުން ކުރަމުންދާ މަސައްކަތްތާއި ގުޅޭގޮތުން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީގެ އިތުރުން، 4538 ލޮކޭޝަން ބަލައި ފާސްކުރެވިފައިވާ ކަމަށާއި 11 ޕޮއިންޓެއްގައި ވިސިބިލިޓީ އާއި އެކީ ޓްރެފިކް މެނޭޖްކުރެވިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން 1037 ގަޑިއިރާއި 48 މިނެޓު ފުޓް ޕެޓްރޯލްގައި ފުލުހުން ހޭދަކޮށްފައިވެއެވެ.
މިއާއެކު، ރިކަވަރ ކުރެވުނު މުދަލުގެ ތަފާސްހިސާބުވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެގޮތުން، 3،303،429.69 ރުފިޔާގެ ސައިކަލުގެ އިތުރުން މޯބައިލް ފޯނާއި އިލެކްޓްރޯނިކްސް، ފައިސާ އަދި އެހެނިހެން ތަކެތި ރިކަވަރ ކުރެވިފައިވެއެވެ.
މީގެ އިތުރުން، ބިދޭސީންނާއި ގުޅުންހުރި މަސައްކަތްތަކާއި ގުޅިގެން 13 ބިދޭސީއެއް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.
ރިއެކްޓް



