ސިޓީ ކަޓުވާލައި އަލް ހިލާލް ކުއާޓާއަށް
ކުއާޓާގައި އަލް ހިލާލް އިން ބައްދަލުކުރާނީ އިޓަލީގެ ޓީމެއް ކަމަށްވާ ފްލޫމިނެންސް އާއެވެ

ފީފާ ކުލަބް ވޯލްޑް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލް އާއި އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީ ވާދަކުރި މެޗު އަލް ހިލާލް އިން ވަނީ 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މި މެޗާއެކު އަލް ހިލާލް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ.
އޯލަންޑޯގެ ކޭމްޕިން ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ މެންޗެސްޓަރ ސިޓީންނެވެ. މެޗު ފެށިގެން 9 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ވަނީ ސިޓީއަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ސިޓީ އޮތީ 1-0 އިން ކުރިއަށެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި މާކަސް ލިއޮނާޑޯ ވަނީ އަލް ހިލާލަށް ގޯލެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ. އޭގެ ފަހުން 52 ވަނަ މިނެޓުގައި މަލްކޮމް ވަނީ އަލް ހިލާލަށް ދެވަނަ ގޯލު ޖަހައިދީފައެވެ. ނަމަވެސް 55 ވަނަ މިނެޓުގައި އާލިން ހާލަންޑް ވަނީ ސިޓީއަށް ގޯލެއް ޖަހައި މެޗު އަނެއްކާވެސް އެއްވަރުކޮށްފައެވެ.
މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. އިތުރު ވަގުތުގައި ކަލޮޑޯ ކޮލިބޮލީ އަލް ހިލާލަށް ގޯލެއް ޖެހި ނަމަވެސް ފިލް ފޯޑެން ވަނީ ސިޓީއަށް އަނެއްކާވެސް މެޗު އެއްވަރުކޮށްދީފައެވެ. ނަމަވެސް މާކަސް ލިއޮނާޑޯ ވަނީ އަލް ހިލާލަށް ކާމިޔާބީގެ ގޯލު ޖަހައިދީފައެވެ.
މި މެޗާއެކު އަލް ހިލާލް ވަނީ ފީފާ ކުލަބް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށް، ޔޫރަޕުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން ވަނީ މުބާރާތުން ވަކިވެފައެވެ.
ރިއެކްޓް



