ޚަބަރު

ސައުދީ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ޖުލައި 6, 2025 - 13:20
 0
ސައުދީ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޔަޙްޔާ ޙަސަން އަލްގަހްތާނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

ސަޢޫދީ ސަފީރު ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ބޭއްވުނު ބައްދަލުކުރެއްވުމުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސައުދީ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހްދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވަނީ ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމާ ގުޅިގެން ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ އަގުހުރި ހިދުމަތްތަކަށާއި، ހައްޖު އަދި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެކި ފަސޭހަތަކަށް ތައުރީފުކުރައްވައި، ޝުކުރު އަދާކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1981 ވަނަ އަހަރުއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0