ސަރުކާރު ކުންފުނިތަކުގެ ޗެއާޕާސަންގެ ޝަރުތަކަށް "ޑިގްރީ ސެޓްފިކެޓެއް" އޮތުން ހިމަނައިފި

ސަރުކާރު ކުންފުނިތަކުގެ ޗެއާޕާސަންގެ މަޤާމަށް މީހުން އައްޔަންކުރުމުގައި ބަލާ ޝަރުތުތަކަށް އިތުރު ބަދަލުތަކެއް ގެނެސް، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް އޮތުން ހިމަނައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ނެރުނު އުސޫލުގައިވާ ގޮތުން، ޗެއާޕާސަންގެ މަޤާމަށް މީހަކު އައްޔަންކުރުމުގައި ބަލާނެ ޝަރުތުތަކުގެ ތެރޭގައި ލެވެލް 7 ގެ ސަނަދެއް އޮތުމާއެކު ގުޅުންހުރި ދާއިރާއަކުން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
ވިޔަފާރި ހިންގުމުގެ ދާއިރާއިން ނުވަތަ މެނޭޖްމަންޓް ދާއިރާގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި ޕްރައިވެޓައިޒޭޝަން ބޯޑުން ކުރާ އިންޓަވިއުއިން 60 އިންސައްތަ މާކްސް ހޯދުން ހިމެނެއެވެ.
އުސޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީ ކަމުގައި ވިޔަސް ޗެއާމަންކަމަށް އައްޔަންކުރާ މީހަކީ ޑިގްރީއެއް އޮންނަ މީހަކަށް ވުން މަޖުބޫރެއް ނުކުރެއެވެ.
މި އުސޫލުގެ ދަށުން ސަރުކާރު ކުންފުނިތަކުގެ ޗެއާޕާސަންގެ މަޤާމަށް މީހުން އައްޔަންކުރުމުގައި ކުރިން ބަލަމުން އައި މިންގަނޑަކީ "އިންޓަވިއުއިން 60 އިންސައްތަ ހޯދުމާއި މަޤާމަށް ޤާބިލު މީހެއް ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ފެނުމަށެވެ."
މި ބަދަލާއެކު، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ފަރާތްތައް އައްޔަންކުރުމާއި ވަކިކުރުމުގައި އިތުރު ހަރުދަނާކަމެއް ގެނެވިގެންދާނެއެވެ.
ރިއެކްޓް



