ދިވެހިންނަށް ޑޮމިނިކާއަށް ވިސާއަކާ ނުލައި ދެވޭގޮތް ހަމަޖައްސައިފި

ދިވެހިރާއްޖެއާއި ކޮމަންވެލްތް އޮފް ޑޮމިނިކާއާ ދެމެދު ވިސާ އިސްތިސްނާ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް 30 ދުވަހުގެ މުއްދަތަށް އެއްޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި ވިސާ އިސްތިސްނާވެގެންދާނެއެވެ.
ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދެވެ. އަދި ޑޮމިނިކާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނެވި ދާއިމީ މަންދޫބު ފިލްބަރޓް އެރަން އެވެ.
މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ އެއްބަސްވުމެކެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރާއްޖޭގެ ޚާރިޖީ ވުޒަރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
ދިވެހިރާއްޖެއިން މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރަމުންދަނީ ދިވެހި ޕާސްޕޯޓުގެ ބާރު އިތުރުކޮށް، ދިވެހި ރައްޔިތުންނަށް ބޭރު ޤައުމުތަކަށް ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ. މި އެއްބަސްވުމާއެކު ދިވެހިންނަށް ވިސާ އިސްތިސްނާވާ ޤައުމުތަކުގެ އަދަދު އިތުރުވެގެން ގޮސްފައިވެއެވެ.
ރިއެކްޓް



