ދިވެހި ކަނޑުމަހުން ޗައިނާގެ ކުންފުންޏަކުން މަސްދަޅު އުފެއްދަން ފަށައިފި

ދިވެހިން ބާނާ މަސް ބޭނުންކޮށްގެން ޗައިނާގެ ކުންފުންޏަކުން މަސްދަޅު އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ ދިވެހި ކަނޑުމަސް ބޭނުންކޮށްގެން އެ ކުންފުނިން މަސްދަޅު އުފެއްދި ފުރަތަމަ ފަހަރެވެ.
ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ވޭހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޮމްޕެނީ ލިމިޓެޑް" އިން އުފައްދާފައިވާ މި މަސްދަޅުގެ ފުރަތަމަ ސާމްޕަލްތައް ވަނީ ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް ހުށަހަޅާފައެވެ. މި މަސައްކަތަކީ ޗައިނާގެ "ޖިންގްވެއިޑާއޯ" ބްރޭންޑް ޓީމާ ގުޅިގެން ކުރެވުނު މަސައްކަތެކެވެ.
މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، އާ މާކެޓްތައް ހޯދައި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި އަގުހުރި މަހުގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ބައެއްކަމުގައި މަސްވެރިކަމާބެހޭ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު މިފަދައިން ވިދާޅުވީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓްގެ (އެފްޓީއޭ) ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުންތަކެއް ހެން ޗައިނާއަށް ސުން ރޭޓުގެގައި އެކްސްޕޯޓް ކުރެވޭގޮތް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ސަބަބުން މަސްވެރި ސިނާއަތު ކުރިއަރުވައި ސިންދަފާތު ކުރުމަށް ގިނަގުނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ
ރިއެކްޓް



