ދިއްދޫއިން މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

ހއ. ދިއްދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިން ކޮޅަކާއެކު 25 އަހަރުގެ ފިރިހެނަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ނޯތް ޑްރަގް އޮޕަރޭޝަން އަދި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޖުލައިމަހުގެ 3 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ / ލިލީމާގެ، އިރުފާޙު ޝަފީޤު (25 އަހަރު) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށް ގެންދަނީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުންނެވެ. މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރިއެކްޓް



