ފެނަކައިގެ ޗެއާމަނަކަށް ޝާމް އާދަމް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަން ކަމުގެ މަޤާމަށް ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމް އައްޔަން ކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ސޯޝަލްމީޑިއާގއި ކުރެއްވި ޕޯސްޓެއްގައި ބުނީ 8 ޖުލައި 2025 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއެކު ޗެއާޕާސަންގެ މަޤާމަށް ނ.ފޮއްދޫ، ޔާޤޫތުގޭ އަލްފާޟިލް ހުސައިން ޝާމް އާދަމް އައްޔަނު ކުރެއްވާފައިވާކަމަށެވެ.
ޝާމް އެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ފެނަކައިން ވަނީ، އެއީ ކުންފުންޏަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމުގައި ބުނެފައެވެ. މި މަޤާމުގައި ކުރިން ހުންނެވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ.
ޝާމްގެ ތަޖުރިބާ
ޝާމްއަކީ މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ ހައިސިއްޔަތުން ގިނަ މަސްއޫލިއްޔަތުތަކެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ތެރޭގައި ސްޓޭޓް ޝެއަރހޯލްޑިންގ މެނޭޖްމަންޓް ޑިޕާޓްމަންޓާއި، ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން ޑިޕާޓްމަންޓް އަދި ސެންޓްރަލް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޕޮލިސީ ކަންކަމުގެ އިސްވެރިޔާގެ މަޤާމު ހިމެނެއެވެ.
މީގެއިތުރުން ޝާމަކީ ވޯލްޑް ބޭންކް ގްރޫޕްގެ ރާއްޖޭގެ އަލްޓަނޭޓް ގަވަރުނަރެވެ. އަދި 2016 އިން 2018 އަށް ފެނަކަގެ ބޯޑުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މި ތަޖުރިބާތަކާއެކު، ޝާމްގެ އައްޔަނުކުރެއްވުމަކީ ފެނަކައިގެ ކުރިމަގަށް އުއްމީދީ ބަދަލުތަކެއް ގެނެސްދޭނެ ކަމެއްކަމުގައި ބެލެވެއެވެ.
ރިއެކްޓް



