ފަސޭހަކަމާއެކު ފްލުމިނެންސް ބަލިކޮށް ޗެލްސީން ފައިނަލަށް ދަތުރުކޮށްފި

ކްލަބް ވޯލްޑްކަޕުގެ ސެމީ ފައިނަލްގައި ބްރެޒިލްގެ ފްލުމިނެންސް އާ ކުރިމަތިލި އިނގިރޭސިވިލާތުގެ ޗެލްސީން 2-0 އިން މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފިއެވެ.
އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޗެލްސީގެ ދެ ގޯލު ވެސް ޖެހީ ބްރެޒިލް ކުޅުންތެރިޔާ ޖޮއާއޯ ޕެޑްރޯއެވެ. އޭނާ ފުރަތަމަ ގޯލު ޖެހީ މެޗުގެ 18 ވަނަ މިނެޓުގައި އޭރިއާ ރޮނގު ކައިރީގައި ހުރެ ގޯލުގެ މަތީ ކަނަށް ފޮނުވާލި ވަރުގަދަ ޝޮޓަކުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 މިނެޓު ފަހުން ޖޮއާއޯ ޕެޑްރޯ އޭނާގެ ދެވަނަ ގޯލު ޖަހައި ޗެލްސީގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ. ނަމަވެސް "އެކްސް ކްލަބް" ކަމަށްވާ ފްލުމިނެންސްއަށް އިހުތިރާމުގެ ގޮތުން އޭނާ ގޯލުތަކަށް ފަހު އުފާ ފާޅެއް ނުކުރިއެވެ. ފްލުމިނެންސްއަކީ ޖޮއާއޯ ޕެޑްރޯ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފެށި ކްލަބެވެ.
ޗެލްސީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ކުރިމަތިލާނީ މާދަމާ ރޭ ބާއްވާ ސެމީ ފައިނަލް މެޗުގައި ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އާއި ރެއާލް މެޑްރިޑް އާ ދެމެދު ކުޅޭ މެޗުން މޮޅުވާ ޓީމާއެވެ. މާދަމާރޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުއެވެ.
ރިއެކްޓް



