ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރަން ހަދާ ކޮންމެ ޕްލޭނެއް ވާނީ ފެއިލް :ރައީސް ނަޝީދު

ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމަށް ކުރެވޭ އެއްވެސް ޕްލޭނެއް ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެޤައުމުގެ ރައްޔިތުން ބޭރުކުރުމުގެ ޕްލޭން ވާނީ ފެއިލް ކަމަށާއި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުއާއްމު ނިމުމަކަށް ގެނެސް، ސުލްހައިގެ މަގު އިޚްތިޔާރު ކުރަންޖެހޭ ކަމަށެވެ.
ރައީސް ނަޝީދުގެ މިފަދައިން ވިދާޅުވެފައިމިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިން މި މައްސަލައިގައި ސުލްހަވެރި ހައްލެއް ހޯދުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް، އެމެރިކާގެ ވާގިވެރިކަމާއެކު އިސްރާއީލުން ދަނީ ހުއްޓުމެއްނެތި ފަލަސްތީނަށް ހަމަލާދީ، އެތައް މުސްލިމުންނެއް ޝަހީދުކުރަމުންނެވެ.
އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ގާޒާއިން 57،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 130،000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން ގާޒާގެ ގިނަ ސަރަހައްދުތަކެއް ވަނީ ވީރާނާވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން ލައްކައަކަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ހިޖުރަކުރަން މަޖުބޫރުވެފައެވެ. މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ދަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންނެވެ.
ރިއެކްޓް



