މޫސުން ގޯސްވެ ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް އިއްޔެ ރިޕޯޓުކުރި: އެމްއެންޑީއެފް

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އިއްޔެ ރިޕޯޓުކޮށްފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން މަޢުލޫމާތުދީފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވިގޮތުގައި، މި ހާދިސާތައް ހިނގާފައިވަނީ އިއްޔެގެ މެންދުރު 12:00 އިން ފެށިގެން ރޭގަނޑު 22:30 އާ ދެމެދުއެވެ.
މީގެ ތެރޭގައި ހިމެނެނީ ގދ. ގައްދޫން ގަމަށް ދަތުރުކުރި މީހަކު ގެއްލުމާއި، ރ. އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރި މީހަކު ގެއްލުމާއި، އަރިއަތޮޅު ކައިރިން ދަތުރުކުރި އުޅަނދެއްގެ އިންޖީނު ހުއްޓުމާއި، ބ. ދަރަވަންދޫ ކައިރިން ސަފާރީއެއް ދިޔަވުމާއި، ކ. ގިރިފުށި ކައިރިން ލޯންޗެއް ފަރަށް އެރުމާއި، މ. އަތޮޅުން މަހަށް ފުރި ދޯންޏެއް ގެއްލުމާއި، މާލެއިން ލ. ހިތަދޫއަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް އަޑިއަށް ދިއުމުގެ ހާދިސާއެވެ.
މި ހާދިސާތަކުގެ ތެރެއިން ގިނަ ހާދިސާތަކުގައި ހިމެނޭ ފަރާތްތައް ވަނީ ސަލާމަތްކުރެވިފައެވެ. އެގޮތުން ރ. އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މީހާ ވަނީ ފަތާފައި ރ. ދުވާފަރަށް އަރާފައެވެ. އަދި ބ. ދަރަވަންދޫ ކައިރިން ދިޔަވާން ފެށި ސަފާރީގައި ތިބި 37 މީހުން ވަނީ ސަލާމަތްތެރިކަމާއެކު ދަރަވަންދޫއަށް ގޮސްފައެވެ.
ނަމަވެސް، ގދ. ގައްދޫން ގަމަށް ދަތުރުކުރި މީހާއާއި މ. އަތޮޅުން މަހަށް ފުރި ދޯނި އަދިވެސް ނުފެނެއެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން މި ދެ ހާދިސާގައި ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަދި މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށް ގޮސްފައިވާއިރު، އެ ބޯޓުގައި ތިބި 12 މީހުން ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113 ގެ އެހީގައި ސަލާމަތްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ރިއެކްޓް



